އިއްޔެ ބޭއްވި މެލޭޝިއާގެ އާންމު އިންތިހާބުގެ ނަތީޖާއިން ދިވެހިންންށް ރަނގަޅު ފިލާވަޅެއް ލިބިގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް ޑރ މުހައްމަުދ ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މެލޭޝިއާގެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އުމުރުން 92 އަހަރުގައި އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއަށް އިޝާރާތްކުރައްވަ އެވެ. އޭނާ އިދިކޮޅޫ ފަރާތްތަކާއި ގުޅިވަޑައިގަތީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ވެރިކަން ކުރައްވާ ޕާޓީ ދޫކޮށްލެއްވުމަށް ފަހު އެވެ.
ރައީސް ވަހީދުގެ އެ އިންތިހާބާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންތިހާޞު ކާމިޔާބު ކުރުމުގައި އުމުރަކީ މުހިންމު އެއްޗެއް ނޫންކަން އެ އިންތިހާބުން ސާބިތުކޮށްދީފި ކަމަށެވެ. އަދި އެއީ ދިވެހިން އެކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
https://twitter.com/DrWaheedH/status/994413174408364032
ވަހީދުގެ ޓްވީޓްގައި އިޝާރާތްކުރައްވާފައި ވަނީ 65 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް ކަމަށް ބެލެވެ އެވެ. އެހެންވެ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރުވެސް ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތެއް މިހާރަކު ނޯންނާނެ އެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، އިދިކޮޅު ކޯލިޝަނަކާ އެކު ނުކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 222 ގޮންޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. ނަޖީބު ރައްޒާގުގެ ބީއެން އަށް ލިބިފައި ވަނީ 76 ގޮނޑި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް