އިއްޔެ މެލޭޝިއާގައި ބޭއްވި ރިޔާސީ އިންތިހާބު އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމުން އަންގައި ދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން އާނއެކޭ ބުނާނެކަން ކަމަށް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެލޭޝިއާގެ ތާރީހު ބަދަލުކުރި ވެރިއަކީ މަހާތީރު ކަމަށެވެ. މަހާތީރު އަލުން އިންތިހާބު ކާމިޔާބު ކުރުމުން ބުނެދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން ކޮންމެ ވަގުތެއްގައި ވެސް އާނއެކޭ ބުނާނެކަން ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަމަ އެ ޓުވީޓުގައި ރާއްޖޭގެ ތަރައްގީ އާއި މެލޭޝިއާގެ ތަރައްގީ ގުޅުވަމުން ހަލީލް ވިދާޅުވެފައިވަނީ ރާއްޖޭގެ މަލަމަތި ބަދަލުކޮށް ތަރައްގީ ގެނެސްދިން ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އެވެ.
https://twitter.com/abkhaleel/status/994267325388832768
ހަލީލް މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މެލޭޝިއާގެ އިންތިހާބުން ރާއްޖޭގައި އިންތިހާބު ބާއްވައިފި ނަމަ ނުކުންނާނެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފި ކަމަށް ބުނެފަ އެވެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް އެ ގައުމުން ނޫނެކޭ ބުނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ކަމަށެވެ.
އިންތިޚާބު ނާކާމިޔާބުވި ނަޖީބު ރައްޒާގާއި ރާއްޖޭގެ ރައީސް ޔާމީނާ ގާތްގުޅުމެއް އޮވެ އެވެ. ރައީސް ޔާމީން މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ނަޖީބު ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، އިދިކޮޅު ކޯލިޝަނަކާ އެކު ނުކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 222 ގޮންޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. ނަޖީބު ރައްޒާގުގެ ބީއެން އަށް ލިބިފައި ވަނީ 76 ގޮނޑި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް