ވަތަނުގެ ވިދާތަރިންނަށް ދަރިން ވާނީ އެ ދަރިން ތަރިންނަށް ހެދިއްޔާ އެވެ

"ހިތްތަކުގެ މާމެލާމެލި، ލޮބުވެތިވި ކުޑަކުދިންނޭ. ނިތްތަކުގެ ތާޖު ތިޔައީ، ވަތަނުގެ ވިދާ ތަރިންނޭ. އުންމަތުގެ ކުރިމަގޭތީ، ލޯތަކުގެ މޭވައޭތީ، އެންމެންގެ މިއުޒިކޭތީ އަބަދަށް އުފާލިބޭނޭ." ޅެންބައިތުތަކުގައ...

10 May 2018 | 03:10

"ހިތްތަކުގެ މާމެލާމެލި، ލޮބުވެތިވި ކުޑަކުދިންނޭ. ނިތްތަކުގެ ތާޖު ތިޔައީ، ވަތަނުގެ ވިދާ ތަރިންނޭ. އުންމަތުގެ ކުރިމަގޭތީ، ލޯތަކުގެ މޭވައޭތީ، އެންމެންގެ މިއުޒިކޭތީ އަބަދަށް އުފާލިބޭނޭ." ޅެންބައިތުތަކުގައި ޅެންވެރިޔާ އަމުނާލާފައި އެވަނީ މާނަފުން އެހާމެ ރިވެތި ބަސްތަކެކެވެ. ހިތްތަކަށް ފިނިކަން ގެނުވާ ޖުމްލަ ތަކެކެވެ. ކޮންމެ ބެލެނިވެރިއަކުވެސް އެ ބެލެނިވެރިއެއްގެ ދަރިއަކާއި މެދު ދެކެން ބޭނުންވާ ފުރިހަމަ ތަސައްވުރެއް މި ޅެމުން އެ ދައްކުވައިދެ އެވެ.

ނަމަވެސް މި ޅެމާއި މެދު ފުންކޮށް ވިސްނާލާ އަދުގެ ހާލަތާއި މި ޅެމާއި އަޅާކިޔާއިރު އަހަރެމެން މިތިބީ ހިތާމަ ކުރަން ޖެހޭ ހަމައިގަ އެވެ.

ވިސްނާލާށެވެ. ޅެމުގެ ފުރަތަމަ ކަޑީގައި ބުނެފައިވާފަދައިން ވަތަނުގެ ވިދާ ތަރިންނަށް އެ ދަރިން ވާން ނޭދޭނީ ފަހެ ކޮން މައެއް ހެއްޔެވެ. ކޮން ބައްޕައެއް ހެއްޔެވެ. އަދި ކޮން މުދައްރިސެއް ހެއްޔެވެ. ނަމަވެސް އެފަދަ ތަރިން ތަކަކަށް ދަރިން ހެދުމުގެ ޒިންމާ އަހަރެމެންނަށް އެންމެ ރަނގަޅަށް އަދު އެ އުފުލޭތޯ އެވެ. ނިދާ ހޭލާ ގޮތަށް ދަރި އަތަށް ދެވެނީ ޓެބްލެޓެކެވެ. އަޅުވައިދެނީ ޔޫޓިއުބުން ނާސަރީ ރައިމްތަކެވެ. އެކަމުގައި ވަކި ހައްދެއް ނެތެވެ. ނަމަވެސް ގެއްލުން އިންތިހާ ނޫންތޯ އެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުގައި ކުޑަކުދިން މާ ގިނައިން ޓެބްލެޓް ނުވަތަ ޓީވީ ބަލާނަމަ ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. ސްކްރީން ޑިޕެންޑެންސީ ޑިސޯޑާ ކިޔާ ބައްޔެއް މިއަދު ވުޖޫދުގައި ވާކަމާއި މި ބަލީގައި އެތައް ކުއްޖެއްގެ މުސްތަގުބަލު ބަނަވެ ހަލާކުވެފައިވާކަމީ މިއަދު ދުނިޔެ ދެކެމުން މިދާ ހަގީގަތެވެ.

އާނއެކެވެ. އުންމަތުގެ ކުރިމަގަކީ އަދި ލޯތަކުގެ މޭވަޔަކީ އަދި އަބަދަށް އުފާލިބޭނެ އެންމެންގެ މިއުޒިކަކީވެސް ކުޑަކުދިންނެވެ. އަހަރެމެންގެ ދަރިންނެވެ. ނަމަވެސް "އޮޓޮމެޓިކަލީ" އެކަން އެގޮތަށް ވާކަށް ނެތެވެ. އެކަން އެގޮތަށްވާން އޮތީ އަދު އަހަރެމެން، ބެލެނިވެރިންނާއި މުދައްރިސުންނާއި އާންމު މުޖްތަމައުން އެ ދަރިންނަށް ދައްކާ މިސާލުންނެވެ. ދޭ ނަސޭހަތުންނެވެ. ދަސްކޮށްދޭ ރިވެތި އާދަތަކުންނެވެ.

އަދަކީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. އާދެ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން މި އަންނަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި އެވެ. މި ދުވަސް ފާހަގަ ކުރުމަށް އަހަރެމެން ސްކޫލުތަކުގައި ހާއްސަ ހަރަކާތްތައް އެބަ ހިންގަމު އެވެ. ދުވަހުގެ ހާއްސަ ސްޕީޗްތަކާއި މެސެޖުތައް ދަރިވަރުންނާއި ކުޑަކުދިންނަށް އެބަ ރައްދު ކުރަމެވެ. ނަމަވެސް ހިތާމައަކީ މި ދުވަސް ދިއުމުން އަހަރެމެން ބައެއް ބެލެނިވެރީންނަށް ބައެއް ކަންކަން ހަނދައިން ނައްތައިލެވޭ ކަމެކެވެ. ކުޑަ ނަމަވެސް ސިފައެއްގައި އިހުމާލު ވެވޭ ކަމެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެވެސް މިންވަރަކަށް ވަރުބަލިވާކަމެވެ.

އެކަންކަން ބަދަލުކޮށް ދަރިންނާއި ދަރިންގެ މުސްތަގްބަލަށްޓަކައި އަޒުމްތަކެއް ކަނޑައަޅަށް މިއަދަށްވުރެ ވަކި މުނާސަބުކަން ބޮޑު ދުވަހެއް ނާންނާނެ އެވެ. ވީއިރު އަހަރެމެން އެންމެހާ ބެލެނިވެރިންނާއި މުދައްރިސުން މިއަދު އަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. އެ ދަރިންގެ މުސްތަގްބަލާއިމެދު ވިސްނާ އެ ދަރިންގެ މުސްތަގްބަލު އުޖާލާ ކުރަން ކުރެވެން އޮތް ކަމެއް ކުރުމުގެ އަޒުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް