ކުރިޔަށް އޮތް ރޯދަ މަހު އެހެން ބޭންކު ތަކަށް ވުރެ ގިނަ އިރު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތަކުން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން ނިންމާފައިވަނީ މާލޭގެ ބްރާންޗުތަކުން ރޯދަ މަހު ހެނދުނު 10:00 ން މެންދުރު ފަހު 2:00 އަށް ހިދުމަތް ދޭށެވެ. އަދި އަތޮޅު ތެރޭގެ ބްރާންޗުތަކުގައި ހެނދުނު 10:30 ން މެންދުރު ފަހު 1:00 އަށް ހިދުމަތް ދޭށެވެ.
ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާލޭގެ ބްރާންޗުތަކުން ގިނަ އިރު ހިދުމަތް ދޭން ނިންމީ އޮންނަ ޑިމާންޑަށް ބަލާފައި ކަމަށެވެ. އަދި ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި މިވަނީ ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުން ވެސް ހަތަރު ގަޑިއިރު ހިދުމަތްތައް ފޯރުކޮށްދޭން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 35 ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ހިދުމަތް ހޯދޭނެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ގާއިމުކޮށްފައިވާ 35 ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބެންހުރެ އެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަމަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 95 އޭޓީއެމް އާއި 5،000 ޕީއޯއެސް މާޗަންޓުން އަދި 277 ކޭޝް އޭޖެންޓުން އެ ބޭންކުން ގާއިމުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް