އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅުނީތަ؟

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ސޯނަމް ކަޕޫރުގެ ކައިވެނި ޕާޓީއަށް ދިޔަ ވާހަކަ އަކީ މިހާރު އިންޓަނެޓްގައި އެންމެ ހިނގާ އަދި އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނަ ވާހަކަ ...

10 May 2018 | 02:50

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ސޯނަމް ކަޕޫރުގެ ކައިވެނި ޕާޓީއަށް ދިޔަ ވާހަކަ އަކީ މިހާރު އިންޓަނެޓްގައި އެންމެ ހިނގާ އަދި އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނަ ވާހަކަ އެވެ.

އެ ހަފްލާއަށް ދިޔަ ހުރިހާ ތަރިން ދިޔައީ އަނބިން، ފިރިން އަދި ލޯބިވެރިންނާއި އެކު އެކު އެވެ. ނުވަތަ އެކަންޏެވެ. އެކަމަކު މި ދެ ތަރިން އެކުގައި ހަފްލާއަށް ދިއުމާއި، ފޮޓޯގްރާފަރުން ފޮޓޯ ނެގުމުގެ ފުރުސަތު ދިން އިރު ދެމީހުން ތިބިލެއް ގައިގޯޅި ކަމުން ގިނަ ބަޔަކު ދަނީ އާލިއާ އާއި ރަންބީރުގެ ގުޅުމާއި މެދު ސުވާލު އުފައްދަމުންނެވެ.

https://www.instagram.com/p/BijYT2THYLw/?taken-by=aliaabhatt

އަދި އާލިއާ އަމިއްލައަށް ރަންބީރާއި އެކު އެ ހަފްލާގައި ނަގާފައިވާ ފޮޓޯ އިންސްޓަގްރާމް ކުރި އިރު ކެޕްޝަންގައި އެއްޗެއް ނުލިޔެ އިނުމުންވެސް މީހުން ދަނީ އެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް ބުނަމުންނެވެ. މީގެ އިތުރުން މިދިޔަ ހަފްތާ ތެރޭގައި ދެމީހުން އެކަނި މުމްބާއީގެ ރެސްޓޯރަންޓަކަށް ކާން ދިޔަ ތަންވެސް ވަނީ ފެނިގެން ގޮސްފައި އެވެ.

އެ ދުވަހު ސުވާލު ކުރުމުން ދެ ތަރިންވެސް ބުނެފައިވަނީ ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ދެމީހުން ކެއުމަކަށް ދާން ނިންމީ ކަމަށެވެ. އެކަމަކު ސޯނަމް ކައިވެނި ހަފްލާއަށް ދެމީހުން އެއްކޮށް ދިޔަ ސަބަބާއި ގުޅޭގޮތުން ދެމީހުން އެއްޗެއް ނުބުންޏެވެ.

އާލިއާގެ ދުވަސްވީ ލޯބިވެރިޔާ ސިދާތް މަލޯތްރާ އާއި ވަކިވި ވާހަކަ މީގެ ދުވަސް ކޮޅެއް ކުރިން ފެތުރުނެވެ. އެކަމާ ބެހޭގޮތުން އޭނާ އެއްޗެއް ބުނެފައެއް ނުވެ އެވެ. ރަންބީރު އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކެޓްރީނާ ކެއިފް އާއި އެވެ.

އާލިއާ އާއި ރަންބީރު އެކުގައި ފެނިގެންދާ ފިލްމު "ބްރަމާސްޓްރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޯގަސްޓު މަހު އެވެ. ތިން ބަޔަކަށް ބަހާލައިގެން ޝޫޓިންތައް ކުރިޔަށް ގެންދާ އެ ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް