ރޯދަ އެކި ކަންކޮޅުތަކުން: ދުބާއީގައި މިސްކިތްތަކަށް ހާރުކެއުން ފޯރުކޮށްދިނުމަށް ޑްރޯން ބޭނުން ކުރަނީ

ކުރިއަށް މިއޮތް ރަމަޟާން މަހު ހާރުކެއުން މިސްކިތްތަކަށާއި ބައެއް އިތުރު ސަރަހައްދުތަކަށް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ދުބާއީ އިން ނިންމައިފި އެވެ. މި ނިންމުމަކީ ދުބާއީގެ ކޮމިއުނިޓީ ޑެވެލޮޕްމެނ...

09 May 2018 | 22:47

ކުރިއަށް މިއޮތް ރަމަޟާން މަހު ހާރުކެއުން މިސްކިތްތަކަށާއި ބައެއް އިތުރު ސަރަހައްދުތަކަށް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ދުބާއީ އިން ނިންމައިފި އެވެ.

މި ނިންމުމަކީ ދުބާއީގެ ކޮމިއުނިޓީ ޑެވެލޮޕްމެންޓް އޮތޯރިޓީގެ ނިންމުމެކެވެ.

އެ އޮތޯރިޓީއިން ބުނެފައިވަނީ ރައްޔިތުންނަށް ހާރުކެއުން މިފަހަރު ދޭނީ އެ އޮތޯރިޓީން ކަމަށާއި މިސްކިތްތަކަށާއި އަދި މިސްކިތްތަކާއި ކައިރި ސަރަހައްދުތަކަށް ޑްރޯންގެ އެހީގައި ހާރުކެއުން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި 700 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާނެކަން ހާމަކޮށްފައިވާއިރު އެ އޮތޯރިޓީން ބުނެފައިވަނީ މި ހަރަކާތުގެ ބޭނުމަކީ ހާރުކެއުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމާއި ފަރުދީ ޒިންމާ ރައްޔިތުންގެ ކިބައިގާ އަށަގެންނެވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމުގެ އާދަ ރައްޔިތުންގެ ކިބައިގާ އަށަގެންނެވުން ކަމަށެވެ.

އެ އޮތޯރިޓީގެ ޔޫތު ކައުންސިލްގެ ވެރިޔާ، ހަލީމާ މުހައްމަދު ބުނެފައިވަނީ މި ހަރަކާތަށް ވީހާވެސް ގިނަ މީހުން ވޮލަންޓިއަރ ކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާކަމެއް ކަމަށާއި ޑްރޯން މެދުވެރިކޮށް ހާރުކެއުން ޑެލިވަރ ކުރުމާއި އެކަމުގެ ހުރިހާ ކަމެއް އެ އޮތޯރިޓީން މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

މި ހަރަކާތަށް ހާއްސަ ޑްރޯން ތައްޔާރުކޮށްފައިވާ ޚަލްފާން އޮބެއިދު ބުނެފައިވަނީ އެކަމަށް ތައްޔާރުކޮށްފައިވާ ސިސްޓަމުގައި މެޕްތަކާއި ޑްރޯން ދަތުރު ކުރާނެ ހާއްސަ ރޫޓްތައް ދުރާލާ ރައްކާކޮށް ނިމިފައިވާކަމަށެވެ. އަދި މިކަމަށް ބޭނުންވާ ވޮލަންޓިއަރުން ތަމްރީނުކުރުން މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށާއި ކޮންމެ ޑޮރޯނަކީވެސް ބަރުދަނުގައި 10 ކިލޯ ހުންނަ ވަރުގެ ކާބޯތަކެތި އުފުލޭވަރުގެ ޑްރޯން ތައް ކަމުގައިވެސް އޮބެއިދު ބުނެފައި ވެ އެވެ.


އެޑިޓަރުގެ ނޯޓް: 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ދުވަސް ނޫހުން "ރޯދަ އެކި ކަންކޮޅުތަކުން"  މިނަމުގައި ސެގްމެންޓެއް އަންނަނީ ގެނެސްދެމުންނެވެ. މި ސެގްމެންޓްގައި ގެނެސްދޭނީ ރޯދައާއި ގުޅުން ހުރި، ދުނިޔޭގެ އެހެން ގައުމުތަކުގެ ހަބަރުތަކެވެ. މި ސެގްމެންޓްގެ ކޮންމެ ލިޔުމަކީވެސް ކިޔުންތެރިންނަށް ކަމުދާނެ ލިޔުމެއް ކަމުގައި ދުވަސް ޓީމުން އުންމީދު ކުރަމު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް