މެދު އިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން އިންސައްތައެއް ދަށްވާނެ ކަމަށް އޭޑީބީން ލަފާކޮށްފި

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 2026 ވަނަ އަހަރު ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ރިޕޯޓެއް ނެރެފިއެވެ. އޭޑީބ...

10 Apr 2026 | 06:52
N/A

N/A

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 2026 ވަނަ އަހަރު ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ރިޕޯޓެއް ނެރެފިއެވެ.

އޭޑީބީގެ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) ގެ އެޕްރީލް 2026 ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު 5.4 އިންސައްތައިގައި ހުރި އިޤުތިޞާދީ ކުރިއެރުން 2026 ވަނަ އަހަރު 1.0 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. ޓޫރިޒަމް ރަނގަޅުވެ ތެލުގެ އަގު ހަމައަކަށް އެޅުމާ އެކު 2027 ވަނަ އަހަރު 3.0 އިންސައްތައަށް ކުރިއެރުން އެނބުރި އަންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އިމްޕޯޓް ޚަރަދު ބޮޑުވުމުގެ ސަބަބުން 2026 ގައި އިންފްލޭޝަން 5.0 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލް ހޫގޯ ވިދާޅުވީ "ރާއްޖެއިން އެޕްރީލް ދެ ވަނަ ދުވަހު ސުކޫކް ކާމިޔާބުކަމާ އެކު ދައްކާ ޚަލާސްކޮށްފައި ވިޔަސް ގޮންޖެހުންތައް އަދިވެސް ކުރިމަތީގައި އެބަ ހުރި" ކަމަށެވެ. ޓޫރިޒަމް އާމްދަނީ ދަށްވެ ތެލުގެ އަގު އިތުރުވުމުން ސަރުކާރުގެ ބަޖެޓަށް ޕްރެޝަރު ބޮޑުވާ ކަމަށާއި، މާލީ ހިންގުމުގެ އިސްލާހީ ބަދަލުތައް އެހެން ކޮންމެ ދުވަހަކަށް ވުރެ މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

2025 ވަނަ އަހަރު ޓޫރިސްޓުން އައި މިންވަރު 10 އިންސައްތައިން ކުރިއެރީ މާލޭ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ބާރާ އެކުގައެވެ. ނަމަވެސް ކުރީ އަހަރާ އަޅައިބަލާ އިރު ޓޫރިސްޓުން މަޑުކުރި ރޭ ރޭގެ އެވެރެޖް ދަށްވެފައިވެއެވެ. މެދުއިރުމަތީ ހަމަނުޖެހުމާ ނުލައި ނަމަ ލިބޭނެ ވަރަށް ވުރެ ދަށް ނަމަވެސް 2026 ގައި ވެސް ޓޫރިސްޓުން އައި މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ބޭރުގެ މާލީ ބާރު ވަރަށް ކުޑައެވެ. ސުކޫކް ދެއްކުމާ އެކު ރިޒާވް ދަށްވެ، މެދުއިރުމަތީ ހަމަނުޖެހުމުގެ ލޮޅުންތައް ފޫބެއްދުމުގެ ޤާބިލުކަން ކުޑަވެފައިވެއެވެ. 2025 ވަނަ އަހަރު ފިސްކަލް ޑެފިސިޓް ކުޑަވި ނަމަވެސް ދައުލަތުގެ ދަރަނި ޖީޑީޕީގެ 130 އިންސައްތައާ ގާތުގައި ހުރި އިރު، ތެލުގެ ސަބްސިޑީ ޚަރަދު ބޮޑުވެ ޓޫރިޒަމް ޓެކްސް އާމްދަނީ ދަށްވުމުން ސަރުކާރުގެ މާލީ ޕްރެޝަރު ބޮޑުވާނެ ކަމަށް އޭޑީބީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް