N/A
އެމެރިކާ-އީރާނު ސީޒްފަޔާ އެއްބަސްވުމާ އެކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވެރިން ބުނި ނަމަވެސް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށް ޝިޕިން ޑޭޓާ ދައްކައިފިއެވެ.
ސީޒްފަޔާ އިޢުލާނުކުރިތާ ފުރަތަމަ 24 ގަޑިއިރު ތެރޭ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ ފަހެއް ނޫނީ ނުވަ ވަރަކަށް އުޅަނދެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ އުޅަނދު ދަތުރުކުރި ކަނޑުއޮޅީގައި މިހާރު ދައުރުވަނީ އެންމެ ކުޑަ މިންވަރެކެވެ. ދަތުރުކުރި މަދު އުޅަނދުތަކަކީ ވެސް ތެޔޮ ޓޭންކަރުތަކެއް ނޫނެވެ. އެއީ ހިކި މުދާ އުފުލާ ބޯޓުތަކެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް ބުނީ ކަނޑުއޮޅި ހުޅުވިފައިވާ ކަމަށެވެ. ނަމަވެސް ޔޫއޭއީގެ ޤައުމީ ތެޔޮ ކުންފުނީގެ ވެރިޔާ ސުލްޠާން އަލް ޖާބިރު ބުނީ ކަނޑުއޮޅި ނުހުޅުވޭ ކަމަށާއި ދަތުރުތައް ކޮންޓްރޯލް ކުރެވި ޝަރުތު ކުރެވެމުންދާ ކަމަށެވެ. ގަލްފު ސަރަހައްދުގެ ޖީސީސީގެ ހަ ޤައުމުން ވެސް ކަނޑުއޮޅި އެއްކޮށް ހުޅުވަންޖެހޭ ކަމަށް ބާރު އަޅައިފައިވެއެވެ.
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ވަނީ ކަނޑުއޮޅީގައި ކަނޑުގެ ބޮންތައް ހުރެދާނެ ކަމަށް ބުނެ، ބަދަލު މަގެއް ދައްކައިދީފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަޢީދު ޚަޠީބުޒާދާ ބުނީ ޓޭންކަރުތަކާއި އުޅަނދުތަކުގެ ސެކިއުރިޓީ ރައްކާތެރިކުރަން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤުޗީ ބުނީ ދެ ހަފުތާ ތެރޭ ކަނޑުއޮޅިން ދަތުރުކުރެވޭނީ އީރާނުގެ ސިފައިންނާ ގުޅިގެން ކަމަށެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސް ބައިކުޅަ އެއް ބައި ދައުރުވާ މި ކަނޑުއޮޅި ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ އެކު ބަންދުވި ފަހުން، ގަލްފު ސަރަހައްދުގައި 20،000 ފަޅުވެރިން އުޅަނދުތަކުގައި ތާށިވެފައި ތިބި ކަމަށް ބައިނަލްއަޤުވާމީ މެރިޓައިމް ޖަމިއްޔާ (އައިއެމްއޯ) އިން ބުނެއެވެ. މިހާތަނަށް ވިޔަފާރި ބޯޓުތަކަށް 21 ހަމަލާ ދީ 10 ފަޅުވެރިން މަރުވެފައިވެއެވެ.
ސީޒްފަޔާ ވަރުގަދަ ކުރުމުގެ ސުލްހައިގެ ވާހަކަތައް ހޮނިހިރު ދުވަހު އިސްލާމާބާދުގައި ފެށޭ އިރު، އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނާނީ ނައިބު ރައީސް ޖޭޑީ ވެންސެވެ. 1979 ގެ ފަހުން އެމެރިކާ-އީރާނު ދެމެދު ބާއްވާ އެންމެ މަތީ ފެންވަރުގެ ބައްދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް