ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުމަށް ތައްޔާރުވެއްޖެއެވެ. މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ. ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މިހާރު ވޯޓުލައިފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 7:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޓްވިޓާގައި ހިއްސާ ކުރައްވާފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަދު 14:00 އާ ހަމަޔަށް 100829 މީހަކު ވަނީ ވޯޓުލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 53689 ފިރިހެނުން އަދި 47140 އަންހެނުންނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ. ނަމަވެސް އެހެން އިންތިޚާބުތަކާއި އަޅައި ބަލާއިރު އަދި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު މަދެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބު ކުރިޔަށްދާއިރު ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މީގެކުރިން އެކި ފަހަރުމަތިން އިންތިހާބު ފަސްކުރިއެވެ. އިންތިހާބުގެ ކަންތައްތައް ވިހާވެސް ހަމަހަމަކަމާއި އަދި ރައްކާތެރިކަމާއެކު ކުރިޔަށްގެންދާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ. ތަފާތު ބައެއް ސަބަބުތަކާ ހެދި ވޯޓުލުން ލަސްކުރެވިފައިވާ ނަމަ ލަސްކުރެވުނު ވަގުތު ވޯޓުލާ ވަގުތުގެ ގޮތުގައި އިތުރުކޮށްދެވޭނެ ކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ހާމަކޮށްފައިވަނީ މިއަދު 18:00ގެ ފަހުން ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ކިއުގައި އެއްވެސް މީހަކު ނެތް ނަމަ ވޯޓުލާ މަރުކަޒު ބަންދުކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް