މެލޭޝިއާގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ދިވެހި މީހާ އާއި ގުޅުން ހުރި މީހުން ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުން ހޯދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑަށް ޕޮސިޓީވްވިކަން އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކުރީ އިއްޔެ އެވެ. އެމީީހާއަށް ބަލި ޖެހުނު ސީދާ ދުވަސް ހާމަކޮށްފައި އެއް ނުވެ އެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ މެލޭޝިއާގައި ޕޮސިޓިވްވި ދިވެހި މީހާ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދިވެހި ސަރުކާރަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމަކު އޭނާ ބައްޔަށް ޕޮސިޓިވްވި ދުވަސް ނޭނގޭ ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ އެޗްޕީއޭއިން މިހާރު ދަނީ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި މެލޭޝިއާއިން އައިސްތިބި މީހުންގެ ތެރެއިން އެމީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމަކު މިހާތަނަށް އެމީހުންގެ ފަރާތުން އަލާމާތެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއްގައި200 މީހަކު ވަނީ ރާއްޖެ ގެނެސްފައި އެވެ. އެ އެންމެން މިވަގުތު ތިބީ ކަރަންޓީން ފެސިލިޓީތަކުގައި އެވެ. މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.
މީގެ ކުރިން އިނގިރޭސިވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ހަތަރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާޗް14 ވަނަ ދުވަހުން ފެށިގެން އެ ގައުމުން އައި އެންމެން ވައިރަހަށް ޓެސްޓު ކުރަން ނިންމާފައި އެވެ. އެޗްޕީއޭއިން ބުނީ އެ މުއްދަތުގައި އިނގިރޭސިިވިލާތުން އައި މީހުންގެ ތެރެއިން މިހާތަނަށް ޓެސްޓު ކުރި އެއްވެސް މީހަކު ބައްޔަށް ޕޮސިޓިވްފެފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް