ދުވަހުގެ ސުވާލަށް އެއް ދުވަސް - ދިވެހިން ބޭނުންވާ ނިޒާމު ވަރަށް ސާފު

ގައުމުގެ ވެރިކަން ކުރުމުގައި އޮންނަންޖެހޭ ނިޒާމާމެދު ހޫނު ބަހުސެއް ކުރެވެމުން އަންނަ މި ދަނޑިވަޅުގައި އިއްޔެ މި ނޫހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން އަދި ނަތީޖާ ވަރަށް ސާފެވެ. ސޯޝަލް ދެ ޕްލެޓްފޯމު ކަމުގ...

10 Apr 2019 | 06:39

ގައުމުގެ ވެރިކަން ކުރުމުގައި އޮންނަންޖެހޭ ނިޒާމާމެދު ހޫނު ބަހުސެއް ކުރެވެމުން އަންނަ މި ދަނޑިވަޅުގައި އިއްޔެ މި ނޫހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން އަދި ނަތީޖާ ވަރަށް ސާފެވެ.

ސޯޝަލް ދެ ޕްލެޓްފޯމު ކަމުގައިވާ ޓްވިޓާ އަދި ފޭސްބުކްގައި ނަގަމުން އަންނަ ޕޯލަށް 24 ގަޑިއިރަށް ވެފައިވާއިރު، ފޭސްބުކް ޕޯލަށް އަށް ހާހަށްވުރެ ގިނަ ވޯޓު ލިބިފައިވެއެވެ. އެ އަށް ހާހުގެ ތެރެއިން ހަ ހާސް 300 އަށްވުރެ ގިނަ މީހުން ބުނެފައިވަނީ ބޭނުންވަނީ ރިޔާސީ ނިޒާމު ކަމަށެވެ. ބޭނުންވަނީ ބަރުލަމާނީ ނިޒާމު ކަމަށް ބުނެފައިވަނީ އެއް ހާސް 700 އެއްހާ މީހުންނެވެ. މި އަދަދުތަކަށް ބަލާއިރު 78 އިންސައްތަ މީހުން ބުނެފައިވަނީ ބޭނުންވަނީ ރިޔާސީ ނިޒާމު ކަމަށެވެ. ބަރުލަމާނީ ނިޒާމު ބޭނުންވާކަމަށް ބުނެފައިވަނީ އެންމެ 22 އިންސައްތަ މީހުންނެވެ.

ޓްވިޓާގައި ނެގި ޕޯލަށް 350 ވޯޓް ލިބިފައިވާއިރު އޭގެ ތެރެއިން 64 އިންސައްތަ މީހުން ބުނެފައިވަނީ ބޭނުންވަނީ ރިޔާސީ ނިޒާމު ކަމަށެވެ. ބަރުލަމާނީ ނިޒާމު ކަމަށް ބުނެފައިވަނީ 36 އިންސައްތަ މީހުންނެވެ.

ފޭސްބުކްގައި ނަގާފައިވާ ޕޯލް 230 އަށްވުރެ ގިނަ ފަހަރު ޝެއަރ ކޮށްފައިވާއިރު 130 އަށްވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ. އެ ކޮމެންޓްތަކުގައި މި މައުލޫގައި ގިނަ ބަޔަކު ހިޔާލު ފާޅުކޮށްފައިވެއެވެ.

https://twitter.com/dhuvasmv/status/1115481448176205825

"ބަރުލަމާނީ ބޭނުންވަނީ އަންނިއަށް ސަނާކިޔާ ކުދިންކޮޅު، އޭނަ ބުނެފިއްޔާ މިއީ ރޭގަނޑުކަމަށްވެސް އެކުދިން ގަބޫލުކުރާނެ" އެކަކު ކޮމެންޓް ކޮށްފައިވެއެވެ.

ބޭނުންވަނީ އިސްލާމީ ޝަރީއާ ކަމުގައިވެސް ދެތިން މީހަކު ކޮމެންޓް ކޮށްފައިވެއެވެ. އަދި މިހާ ވެރިކަމާ ތޮޅޭ ބައެއް ތިބި ތަނެއްގައި ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމުގައިވެސް އެކަކު ކޮމެންޓް ކޮށްފައިވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓު، ޓްވިޓާ އަދި ފޭސްބުކްގައިވެސް ދުވަހުން ހުޅުވާލާފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ. މިއަދަށް އެއް ދުވަސްވެފައިވާއިރު އަދި އިތުރު ހަ ދުވަސް އެބަ އޮތެވެ.

މިހެން ނަގާ ވޯޓަކުން ފެންނާނެ މަންޒަރެއް ނޯންނާނެ ކަމުގައި ބަޔަކު ސިފަކޮށްފާނެއެވެ. ނަމަވެސް މިއީ މި ޒަމާނުގައި މިކިޔާ ނެޓިޒަންސް (އިންޓަނެޓް ބޭނުންކުރާ ފަރުދުން) ބަސް އިއްވަން އެންމެ އައުލާކަން ބޮޑު އެއް ގޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް