ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ލިބުމުގެ އުންމީދު އަދިވެސް ކުރައްވާކަން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.
ރައީސް މައުމޫން މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ މިތާ މި ތިއްބެވި ގިނަ ބޭފުޅުންގެ ޕާޓީއެއް އޮތް، އެ ޕާޓީ ވަނީ ކުރީގެ ސަރުކާރުން ޝަރީއަތުގެ މައްޗަށް ބާރު ހިންގައިގެން މުޅިން އަޅުގަނޑުމެންގެ އަތުން ގެންގޮސްފައި، އޭގެ ހައްގުވެރި ފަރާތުގެ އަތުން ގެންގޮސްފައި، އަދި އަސާސީ ގަވާއިދު ތަންނުދޭ ބަޔަކާ ހިންގުން ހަވާލުކޮށްފަ" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީ ހޯއްދަވަން މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށެވެ. އަދި އެ ޕާޓީ ހޯއްދަވައިދެއްވާނެކަމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ކަމަށާއި އަދި އެ ވައުދު އޮތީ ނުފުދި ކަމުގައި ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
"އެއް ވައުދަކީ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހުގައި ޕީޕީއެމް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށްދެއްވާނެކަމުގެ ވައުދު، އެ ވައުދު އަދި މިއޮތީ ނުފުދި، އަޅުގަނޑު އެދެނީ ލަސްތަކެއް ނުވެ އެ ވައުދުވެސް ފުދިގެންދާން" ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އެކަން އެގޮތަށް ނުދިޔަ ނަމަވެސް ހަމަހިމޭން ކަމުގައި ތިބެވެން ނެތްކަމަށެވެ، ވޭތުވެދިޔަތަނެއް ދިޔައީ ކަމަށެވެ. އެއާ ދޭތެރޭ ވިސްނައިގެން ދެރަވެގެން އުޅެން ނެޖެހޭ ކަމަށެވެ. އަދި ހިތްވަރާއެކު ދާންވީ ކުރިއަށް ކަމަށާއި ދާންވީ މަގުވެސް ފެންނަން އެބަ އޮތް ކަމުގައި ވިދާޅުވިއެވެ.
ރައީސް މައުމޫން ސިފަކުރެއްވި ގޮތުގައި ކުރިއަށް ދާން އޮތް މަގަކީ އެމްއާރުއެމް ޕާޓީއެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށްކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީގެ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ބާރަށް ކުރިއަށްގެންދަން ސަޕޯޓަރުންގެ ކިބައިން އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް