އިންސާނިއްޔަތަށްޓަކައި ގޭބަންދަށް ބަދަލު ކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މިއަދު މައުމޫން ވިދާޅުވީ އުމުރުން ދުވަސްވެފައި ހުންނެވުމުންނާއި ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ޖަލުގައި ގިނިކަންޏާ ހުންނަވަން ޖެހުމުން ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެދިވަޑައިގެންނަވަނީ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކަމަށެވެ.
އެކަމަކު މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފު ވިދާޅުވީ މައުމޫން ބަންދުގައި ހުއްނެނީ އެ މިއަދު އަޑުއެހުން ކުރިޔަށް ގެންދިޔަ މައްސަލައިގަކަން ހެކީގެ ގޮތުގައި މައުމޫން ހުށަހެޅުއްވި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އެކަމަކު އިދާރީ ގޮތުން ބެލުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށާއި ބަންދުގައި ހުންނެވީ އެހެން މައްސަލަ އަކާއި ގުޅިގެން ކަމަށްވާނަމަ ގޭބަންދަށް ބަދަލު ކުރުމާއި މެދު ގޮތެއް ނިންމާނީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރު ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ އަރީފު ވަނީ މައްސަލައިގަ ޖަވާބުދާރީ ވުމަށް ވަކީލަކު އައްޔަން ކުރަން މައުމޫނަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައި އެވެ. މީގެ އިތުރުން ހަމަ މި ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށްވެސް ވަނީ ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް