ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފއިވާ ދުވަސްކޮޅެއްގައި ބައެއް ދޯނިތަކުން މަސް ނުކިރުވިގެން މަސްތައް ކަނޑަށް އަޅަން ފަށައިފި އެވެ.
މިއަދާ ހަމައަށް ދެތިން ދޯންޏަކުން ބޭނި މަސްތައް ކިރުވޭނެ ގޮތެއް ނެތިގެން ކަނޑަށް އަޅާފައިވާކަމަށް މައުލޫމާތުލިބެ އެވެ. އަދި ދޯންޏަކުން ކަނޑަށް މަސް އަޅާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑަށް މަސް އެޅީ ލ. ގަމު ދޯންޏަކާއި ގދ. ތިނަދޫ މަސް ދޯންޏަކުންނެވެ.
އެ ދޯނިތަކުގެ މަސްވެރިން ބުނީ ކަނޑަށް މަސް އުކާލަން ޖެހެނީ މަސްކިރުވޭނެ ގޮތެއް ނެތުމާއި، ބާނާ މަސްކޮޅު ތާޒާ ކަންމަތީގައި ބަހައްޓަން ބޭނުންވާ އައިސް ނުލިބޭތީ ކަމަށެވެ. އަދި ނުކިރުވިގެން ކަނޑަށް ބޭނި މަސްކޮޅު އުކާލީ އެ ދެ ދޯނި އެކަނި ނޫން ކަމަށް މަސްވެރިން ބުންޏެވެ.
މިފްކޯއިން ބުނީ ކުއްލިއަކަށް މަސްބޭނޭ މިންވަރު އިތުރުވުމާއި ގުޅިގެން އެ ކުންފުނިން ދަނީ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުވޭނެ އިންތިޒާމާއި އައިސް އުފައްދާ މިންވަރާއި ދޫކުރާ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން ދެކުނުގައި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އުތުރުގައި މަސްގަތުމަށް ހަރަކާތްތެރިވަމުން ދިޔަ މިފްކޯގެ ކަލަމިންޖާ 402 މިހާރު ދެކުނުގައި މަސްގަންނަމުން ގެންދާ ކަމަށެވެ. އަދި ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ކެރިއަރ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް މިފްކޯއިން ބުންޏެވެ.
ދެކުނު މަސްވެރިކަން ވޭތުވެދިޔަ ހަ މަސްދުވަހާއި އަޅާ ބަލާއިރު ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަސްތެރޭގައި ވަނީ ރެކޯޑު އަދަދަކަށް ރަނގަޅުވެފައި އެވެ. އެގޮތުން މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކުން 600 އަށްވުރެ ގިނަ ޓަނުގެ މަސް ކިރުވި އިރު ވޭތުވެދިޔަ ހަ މަސްތެރޭގައި ކިރުވާފައިވަނީ 150 ޓަނުގެ މަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް