އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގެ މައުލޫމާތު ސިޔާސީ ޕާޓީތަކާއި ހިއްސާ ކުރަން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ ސިޔާސީ ޕާޓީތަކާއި އެކު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާ ޕާޓީތަކަށް ދައުވަތު ފޮނުވުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެ ބައްދަލުވުން ބޮއިކޮޓު ކުރުމާއި ގުޅިގެންނެވެ. އިދިކޮޅު ޕާޓީތަކުން ބުނީ އީސީން އުޅެނީ ކޯލިޝަން ޕާޓީތަކުން އިންތިހާބަށްވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށް ފަހު އެ މައުލޫމާތުތައް ޕީޕީއެމްއާއި ހިއްސާ ކުރަން ކަމަށެވެ.
މިކަމާ ގުޅިގެން ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް މީޑިއާގައި ވިދާޅުވީ ބައްދަލުވުމުގެ ބޭނުމަކީ އީސީން އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތުދީ، ސިޔާސި ޕާޓީތައް ރެގިއުލޭޓު ކުރުމާ ބެހޭ ގޮތުން މައުލޫމާތު ބަދަލު ކުރުން ކަމަށެވެ. އަދި ވަކިވަކިން ޕާޓީތަކާއި ބައްދަލު ކުރަނީ ވީހާވެސް ގިނަ ވަގުތު ކޮންމެ ޕާޓީއަކަށްވެސް ދިނުމަށް ކަމަށެެ.
އޭނާ ވިދާޅުވީ މިހާތަނަށް ބައްދަލުވުމުގައި ބައިވެރި ނުވާނެ ކަން އެއްވެސް ޕާޓީއަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އީސީގެ އުންމީދަކީ ހުރިހާ ޕާޓީތަކުން ބައްދަލުވުމުގައި ބައިވެރިވުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާއި އެކު ވަކިވަކިން ބާއްވާމި ބައްދަލުވުންތައް މިއަދު ފަށާނެ އެވެ. ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 2:00 ގައި ޖުމްހޫރީ ޕާޓީ އާއި އެކު އެވެ. އެޕާޓީން އިއްޔެ ވަނީ ބައްދަލުވުމުގައި ބައިވެރި ނުވާނެ ކަމަށް ބުނެ ފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް