ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިޔާގެ ޓާޓާ ކުންފުނިން އެޅި ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓުތަކެއް ވިއްކާލަން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިއްކަން ހުޅުވާލީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ހުރި 10 ފްލެޓަކާއި ގާކޮށިން 37 ފްލެޓް ކަމަށެވެ. އެއީ އެ ދެތަނުން ވިއްކަން އިއުލާންކުރި 161 ފްލެޓްގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 47 ފްލެޓެވެ.
އޭގެން ކޮންމެ ފްލެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މިލިއަން ރުފިޔާ އަށެވެ. ފްލެޓުތައް ވިއްކާނީ އެއްފަހަރާ އެއަދަދަށް ފައިސާ ދެއްކޭ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
ފްލެޓު ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި މީގެ ކުރިން ފްލެޓެއް ގަނެފައިވާ ފަރާތަކަށް ނުވުން ހިމެނެ އެވެ. އަދި ފްލެޓު ގަންނަ ފަރާތަކީ އުމުރުން 21 އަހަރު ވެފައިވާ ދިވެއްސަކަށްވެސް ވާން ޖެހެ އެވެ.
އެ ދެ ތަނުގައި ހަދާފައިވާ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވައިލުމުން އެތައް ބަޔަކު މި ފްލެޓްތައް ގަތުމަށް ކިޔޫ ޖެހުނެވެ. ނަމަވެސް ރައްޔިތުން ކިޔޫ ޖައްސައިގެން ފްލެޓް ވިއްކުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ، އޮންލައިންކޮށް ވިއްކަން ހަމަޖެއްސީ އެވެ.
މިފަހަރުވެސް ފްލެޓަށް ފޯމް ހުށަހެޅުމުގެ ކަންކަން ހަމަޖައްސާފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް