މާލޭ ދެކުނު ފަރާތު ފަޅު ބޭނުން ކުރުން މުދާ އުފުލާ އޮޑި ދޯނި ފަހަރަށް މަނާ ކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ސަރަހައްދުގެ ފަޅު ބަންދު ކުރަން ނިންމީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާތީ އެ ސަރަހައްދުގެ ފަޅަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާތީ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ފަޅު ބޭނުން ކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލީ މިއަދުން ފެށިގެން ކަމަށެވެ.
ދެކުނު ފަރާތު ފަޅުގައި އުޅަނދުތައް ބަނދަރު ކުރުން މަނާކުރީ ވިލާކޮލެޖުގެ ހުޅަނގު ކަނުންފެށިގެން އިރަށްގޮސް ޓޯވްޔާޑާއި ހަމައަށެވެ. މި އެންގުމާ ހިލާފަށް އެ ސަރަހައްދުގައި އަޅާ ދޯނިފަހަރުތައް އެތަނުން ނަގާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް މިނިސްޓްރީން ގެންދަނީ އެ މަގުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކަނޑަމުންނެވެ. އަދި އެ މަގުގައި ހުރި ގާޑިއާ ތަކާއި ވެހިކަލްތައްވެސް ވަނީ އެހެން ސަރަހައްދުތަކަށް ގެންގޮސްފައި އެވެ.
އެ މަގުގައި ތާރު އަޅަން ނިންމީ ބްރިޖާ ގުޅިފައި އޮންނަ މަގަކަށް ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް