ކުރިޔަށް އޮތް ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ހެނދުނު 9:00 ން މެންދުރު ފަހު 3:00 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ބުނީ ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ރޯދަ މަހު ފަށާނީ ހެނދުނު 8:40 އާއި 9:00 އާ ދެމެދު އެވެ. މެންދުރުގެ ދަންފަޅީގައި ކިޔަވައިދޭނީ ހެނދުނު 11:30 އިން މެންދުރު 1:00 އަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ކުރިޔަށް ގެންދަންވާނީ ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ކަމަށެވެ. ގްރޭޑް 1-7 ގެ ދަރިވަރުންގެ ކިޔެވުން ދެ ގަޑިއިރާއި 30 މިނިޓަށް، ގްރޭޑް 8-10 ގެ ކިޔެވުން ތިން ގަޑިއިރަށް އަދި ގްރޭޑް 11-12 ގައި އުޅޭ ދަރިވަރުންނަށް ރޯދަ މަހުގެ ތެރޭގައި ހަތަރު ގަޑިއިރު ކިޔަވައި ދިނުމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުން ރޯދަ މަހު އެކި މާއްދާތައް ކިޔަވައިދޭން ލިބޭ ވަގުތަށް ބަލައި، ކޮންމެ މާއްދާ އަކަށް އަދި ކޮންމެ ގްރޭޑަކަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލަން ޖެހެ އެވެ. އަދި އެންމެ މަދުވެގެން ދެ ހަފުތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަކަށް ޓައިމްޓޭބަލް އެކުލަވާލަން ވެސް އެޑިއުކޭޝަނުން އަންގާފައިވެ އެވެ.
ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރޯދަ މަހަށް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުން އަދި މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު، ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.
މިއަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް