ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ރިޕޯޓެއް ލިޔެފައިވާ ކަމަށް ބުނެ ވީމީޑިއާގެ ވީނިއުސް ގައި ޝާއިއު ކުރި ރިޕޯޓެއްގެ ސުރުހީ ބަދަލު ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންގައިފި އެވެ.
މިއީ މިފަހަކުން ނޫހެއްގައި ލިޔުނު ރިޕޯޓަކާއި ގުޅިގެން ސުރުހީ ނުވަތަ އެ ހަބަރެއް ނަގަން އެންގި ފުރަތަމަ ފަހަރެވެ. މިގޮތަށް ނިންމީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ރައްޔިތުންގެ ތެރޭގައި ބޮޑުވެ، ހާސްކަމުގެ ތެރޭގައި ގައުމު އޮތް މިދަނޑިވަޅުގައި ވައިރަހާ ގުޅޭ ހަބަރުތައް ލިޔުމުގައި ސަމާލުވުމަށާއި ދޮގު ހަބަރު ނުފެތުރުމަށް އެމްއެމްސީން އެންގުމަށް ފަހު އެވެ.
ވީމީޑިއާގެ ސީއީއޯ މުހައްމަދު ޒަހީނަށް އެމްއެމްސީން ފޮނުވާފައިވާ ސިޓީގައި ސުރުހީ ބަދަލު ކުރަން އަންގާފައިވަނީ "ފޯކައިދޫ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި" ނަމުގައި ލިޔެފައިވާ ރިޕޯޓުގެ އެވެ. އަދި އަލުން ފުރިހަމަ، ފަހުގެ މައުލޫމާތު ހޯދުމަށް ފަހު އާ ހަބަރެއް ލިޔުމަށް ވަނީ އަންގާފަ އެވެ.
އެ ރިޕޯޓުގައި ކުރެއްދޫ މުވައްޒަފު ފޯކައިދޫއަށް ދަތުރު ކުރި އިރު ދިޔަ ރަށްރަށާއި އޭނާގެ ފަރާތުން ރަށަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ރަށުން ކާޑުގެ ބާވްތައްވެސް ހުސްވަމުންދާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެމްއެމްސީން ވަނީ ކޮވިޑް-19 އާއި ގުޅިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ދެ ލިޔުމެއް ނެގުމަށް އަންގަން ނިންމާފައި އެވެ. އެއީ ކޮން ނޫހެއްކަން ނޭނގުނު ނަމަވެސް އާންމުންގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ހިތްހަމަ ނުޖެހުން އުފެދިފައިވާ ލިޔުމެއްގެ ތެރޭގައި އެ ވައިރަސް ނުޖެހޭނެ ފަަރުވާތަކެއް ކަމަށް ބުނެ ލިޔެފައިވާ ލިޔުމެއް ހިމެނެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ޓީވީތަކުން ކޮވިޑް-19 އާއި ގުޅޭގޮތުްނ ގެނެސްދޭ މައުލޫމާތުތައް ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް އެ އޮތޯރިޓީ އާއި ފަންނީ މާހިރުންދޭ އިރުޝާދުތައް ނޫން އިރުޝާދެއް ނުވަތަ މައުލޫމާތެއް މި ބައްޔާ ގުޅޭގޮތުން ގަބޫލު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް