ައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލަން މަސައްކަތެއް ކުރާނަމަ އެކަން ކުރާނީ ކުރީގެ ރައީސް ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"މިހާރު ވެސް މި ސަރުކާރު ވެސް ހަލާކުކޮށްލުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް ވައްޓައިލުމަށް ރާވާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނާނީ އޭނާ ރަނގަޅަށް ވިއްޔާ" ގާސިމް ވިދާޅުވި އެވެ.
ރޭގައި ޖުމްހޫރީ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، 2012 ވަނަ އަހަރު ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ހުރިހާ ގޯހެއް ހެދީ އެމަނިކުފާނު އަމިއްލަފުޅަށް ކަމުގައެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވި ހާލަތު ރޭއްވެވީ އަމިލަފުޅަށްކަމަށާއި އެކަމުގެ ބަދުނާމު އެހެން މީހުންގެ ބޮލުގައި އަޅުވަނީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ނަޝީދުގެ ވެރިކަން ވެއްޓުނީ އެމަނިކުފާނު އަމިއްލަފުޅަށް އެޅުއްވި ބައެއް ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އޭގެތެރޭގައި ފަނޑިޔާރުން ހައްޔަރުކުރުމާއި ސްޕްރީމްކޯޓު ބަންދުކުރުން ފަދަ ކަންކަން ގާސިމް ފާހަގަކުރެއްވިއެވެ.
ނަޝީދު މަސައްކަތްކުރަނީ ބަރުލަމާނީ ނިޒާމެއް ގެނެސް، ބޮޑު ވަޒީރުކަމަށް އަންނަންކަމަށްބުނެ ގާސިމް ވަނީ ރޭގެ ބައްދަލުވުމުގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން، އޭރުގެ އިދިކޮޅު މީހުން ކުރި މުޒާހަރާތަކަށްފަހު ސިފައިންނާއި ފުލުންވެސް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކުރުމުންނެވެ. އޭގެ ފަހުން ނަޝީދު މަގާމުން އިސްތިއުފާ ދެއްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް