ސަރުކާޜުން ދައުވަތު ދީފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ބައިވެރިވާން ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައިފި އެވެ.
އެ ޝަރުތުތަކާއި އެކު އިދިކޮޅުގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ވަނީ ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓީގައި ވަނީ މަޝްވަރާގައި ބައިވެރިވުމާއި ގުޅޭގޮތުން ހަތަރު ކަމަކަށް ޝަރުތުކޮށްފައި އެވެ.
އެއީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި މެދުވެރިއެއްގެ ރޯލު އދ. އިން އަދާ ކުރުމެވެ.
އިދިކޮޅު ޕާޓީތަކުގެ ސިޓީގައި ބުނެފައިވަނީ އދ. ގެ މަންދޫބަކު މަޝްވަރާގައި ބައިވެރިވުމާއި މެދު ސަރުކާޜު ތެރޭގައި ހިޔާލު ތަފާތުވެފައިވާކަން އެނގޭ ކަމަށާއި އަދި މަންދޫބަކު ބައިވެރި ކުރަން ބޭނުން ނުވާފަދަ މޭރުމަކުން އެކަން އދ. އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން އެދެނީ ސަރުކާރުން ގޮތްދޫކޮށް އދ. މަޝްވަރާގައި ބައިވެރި ކުރަން ނިންމުން ކަމަށެވެ.
ސިޓީގައި ބުނެފައިވަނީ ޕާޓީތަކުގެ މަޝްވަރާއަށް ހުރަސް އެޅި ހުއްޓިފައިވަނީ އދ. ގެ ބައިވެރިވުމާއި މެދު ސަރުކާރު ތެރޭގައި އުފެދިފައިވާ ބައިބައިވުން ތަކާއި ހެދި ކަމަށެވެ. އަދި މިކަމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނާއި އަޅަމުންދާ ފިޔަަޅުތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންއިން ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ މަޝްވަރާގައި އދ. ގެ މަންދޫބަކު ބައިވެރި ކޮށްދެއްވުމަށް އެދި އދ. ގެ ސެކްރެޓަރީ ޖެނެރަލަށްވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ވާނީ އދ. ގެ ބައިވެރިވުން އޮތުމާއި މެދު ދހިވެހި ސަރުކާރުން ދެކޭގޮތް އޮޅުން ނާރާ ގޮތަކަށް ސާފުކޮށްދިނުމަށް އެދިފަ ކަމަށެވެ.
އެ ސިޓީ ނިންމާލަމުން ވަނީ ވީހާވެސް އަވަހަކަށް މިކަންކަމާއި މެދު ގޮތެއް ނިންމާ އިދިކޮޅު ފަރާތްތަކަށް ރައީސް ޖަވާބު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް