ރާއްޖޭގެ ދެކުނުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް ހޮރައިޒަން ފިޝަރީޒްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒަހާ ވިދާޅުވީ ގދ. ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށްޓަކައި 2005 ވަނަ އަހަރު ހަވާލުކުރި މަސައްކަތް މިހާތަނަށް ކުރިޔަށް ގެންގޮސްފައި ނުވާތީ އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އޭޖީގެ ލަފާއަށް އެދިވަފާއިވާ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ނުދާތީ ފިޔަވަޅު އަޅާނެ ފިޔަވަޅާއި ގުޅޭގޮތުން ލަފާ ހޯދުމަށް އޭޖީއަށް ފޮނުވީ އިކޮނޮމިކް ކައުންސިލްގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރިޔަށް ނުދާ ސަބަބެއް އޮޅުންފިލިވުމަށް މިނިސްޓްރީގެ ޓީމެއް މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ ރަށަށް ދިޔަ ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ހުރަހެއް ނެތްކަމަށް އަންގައި ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫއުގެ ވޯކްޕްލޭން ފޮނުވައި ދިނުމަށް އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުންވެސް އެގޮތަށް ހޮރައިޒަންއަށް އަންގާފަ ވާ ކަމަށެވެ. އެކަމަކު މިހާތަނަށްވެސް އެ ކުންފުނިން މިކަމަށް އެއްބާރުލުންދީ އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
"މަސައްކަތުގެ ވޯކް ޕްލޭނެއް އެކުވަލާއި އޭގައިވާ ގޮތުގެ މަތިން މަސައްކަތް ގެންދިއުމަށް ފަރާތަށް ވާނީ އަންގާފައި. އަދި އެ މަސައްކަތް ފެށޭނެ ތާރީހެއް އަންގައިދިނުމަށް ވެސް އެދިފައިވާނެ. ނަމަވެސް މިއަށް އެ ކުންފުނީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ." ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އަޅަން އެހެން ފަރާތަކާ ހަވާލު ކުރަން ބީލަމަށް ލެވޭނީ މިހާރު ހޮރައިޒަންއާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވިގެން ކަމަށެވެ. އެ ކަމުގައި އޭޖީގެ ލަފާ ލިބުމާއެކު، އެ އެއްބަސްވުން ނިންމަން ޖެހޭ ނަމަ އެ ކަމެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަށުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އަޅަން ހޮރައިޒަން އާއި ހަވާލު ކުރީ މީގެ15 އަހަރު ކުރިން2005 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް