ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އެއްބަސްވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމްގެ މައްޗަށް ދައުވާކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަަމަށެވެ. މި މައްސަލަ ކޯޓަށް ފޮނުވީ އިއްޔެ އެވެ.
ގާސިމް މަރާލަން ހަމަލާދިނުމަށް އަދުހަމް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. އަދި ވަޅިން ގާސިމްގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގާސިމް މަރާލީ އޮޅުވާލައިގެން އޭނާގެ ޓެކްސީގައި ގެންގޮސް ހުޅުމާލޭ މީހުން ނޫޅޭ ހިސާބުގަނޑެއްގައި އެވެ. އަދުހަމް އާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ގާސިމް މަރުވީ އަދުހަމް އޭނާއަތުން ފޭރެން އުޅުމުގެ ތެރޭގައި ކަރަށް ވަޅިން ހަމަލާދިނުމުންނެވެ.
ގާސިމް މަރާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް