ކޮރޯނާ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ މީހުން މަރުވީ އިއްޔެ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަންއިން މިއަދު އާންމު ކުރި މައުލޫމާތުތަކުން ދައްކާގޮތުގައި އިއްޔެ އެކަނި ޗައިނާއިން ކޮރޯނާ ވައިރަސްގައި97 މީހަކު މަރުވެފައިވެ އެވެ. އަދި މިދިޔަ24 ގަޑިއިރުގެ ތެރޭގައި މުޅިން އަލަށް އެ ވައިރަސްއަށް3،042 މީހަކަށް ޖެހިފައިވެ އެވެ.
މިއާއެކު ޖުމްލަ މިބަލި ޖެހިފައިވާ މީހުންގެ އަދަދު40،171 މީހުންނަށް އެރީއެވެ. މިހާތަނަށް މި ބަލީގައި މަރުވީމިހުންގެ އަދަދަކީ908 އެވެ.
ކޮރޯނާ ވައިރަސްގައި ޗައިނާގެ ބޮޑެތި ސސިޓީތައް ހުއްޓުމަކަށް ގެނެސްފައި އޮތުމަށް ފަހު މިއަދުން ފެށިގެން ކޮންމެސް ވަރަކަށް އޮފީސްތަކުގެ މަސައްކަތް ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ސްކޫލްތަކާއި ފެކްޓްރީތަކާއި، ފްލައިޓް ދަތުރުތައް، ރެއިލް ދަތުރުތައް އޮތީ ހުއްޓާލާފަ އެވެ.
ދެތިން ހަފްތާވަންދެން ނާމާންކަން އޮތް ޗައިނާގެ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި މިއަދު މީހުން މާސްކު އަޅައިގެން ނުކުމެ އުޅޭތަނާއި ވަޒިފާއަށްދާތަން ވަނީ ފެންނަން ފަށާފައި އެވެ.
ކޮރޯނާ ވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ބައްޔަށް އަދި ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް