އަތޮޅުތެރޭ މީހުން މާލޭގައި އުޅުން، ގާޒާގެ ހާލަތާއި މެންބަރުން ހުސައިން އެއްވަރުކޮށްފި

މާލެ އައިސް އަތޮޅު ތެރޭ މީހުން ދިރިއުޅެމުންދަނީ ފަލަސްތީންގެ ގާޒާއަށް އިޒްރާއީލް ސިފައިން ގަދަކަމުން އަރައިގަންނަމުންދާ ގޮތަށް ކަމަށް ސިފަވާގޮތަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝ...

10 Feb 2020 | 04:41

މާލެ އައިސް އަތޮޅު ތެރޭ މީހުން ދިރިއުޅެމުންދަނީ ފަލަސްތީންގެ ގާޒާއަށް އިޒްރާއީލް ސިފައިން ގަދަކަމުން އަރައިގަންނަމުންދާ ގޮތަށް ކަމަށް ސިފަވާގޮތަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަންދުން ހުސައިން) ވާހަކަފުޅު ދައްކަވައިފި އެވެ.

ރޭ ރާއްޖޭގެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަންދުން ހުސައިން ވިދާޅުވީ މާލެއަކީ ވެރިކަން ކުރާ ރަށްކަމަށްވިިޔަސް އެއީ މާލޭގެ ރައްޔިތުންގެ ތަނެއްކަމަށެވެ. އަދި ހައްގުވެރިންނޭ ކިޔާފަ މީގެ ކުރިން މެންބަރު ހުސައިން މެންފަދަ މާލޭ ރައްޔިތުން ބޯވާ ނަގަން ދިޔަ ފަޅުތައް ހިއްކުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނދުން ހުސައިން ވިދާޅުވީ މާލޭގެ ބިންތައް ދެމުންދަނީ އެއިރެއްގަ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންވާ ބަޔަކަށް ހިތު ހުރި ގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރ ބަސްއަހާ ރައްޔިތުންތަކެއް ކަމަށާއި އަދިވެސް އެތިބީ ގައުމުގެ ވެރިން ރަނގަޅު ގޮތަކަށް ކަންތައް ކޮށްދެއްވާނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ކުޑައިރު ކަނޑުހިލަން ފަރުހިލަން ދާމީހުން މީ. ބޯވާ ނަގަންދާ މީހުން މިއީ. އެކަމަކު އެތަންތަން ހުރިގޮތަށް ކަނޑުތޮއްޓާއި ހަމައަށް ހިއްކާފަ ރާއްޖޭގެ އެކިކަންކޮޅުތަކުގަ ތިބި މީހުން ގެނެސް ވަޒަންވެރި ކުރުވާފަ މިއޮތޯ. މާލޭ މީހުން ތިބިގޮތަށް ތިބީ. މިއީ ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ހާލަތެއް،" އަނދުން ހުސައިން ވިދާޅުވި އެވެ.

އަންދުން ހުސެއިންގެ މި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ސޯޝަލް މީޑީއާގައި ވިދާޅުވެފައިވަނީ އިޒްރާއީލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައެއްގައި އަތޮޅު ތެރޭ މީހުން މިނެކެރީތީ ކަނބޮޑުވެ، ލަދުވެތިވެ ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު މިގޮތަށް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް