ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕާރުސަލެއް ބަލާ ފާސްކުރމުގެ ތެރޭގައި 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިގޮތުން 2019 ފެބްރުއަރީ 10 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ޕާރުސަލު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ވަނީ ފެނިފައެވެ. މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންނގ އާއެކު ޖުމްލަ 287 ގްރާމް ހުއްޓެވެ.
ހަމައެއާއެކު، 2019 ފެބްރުއަރީ 10 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ އެހެން ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ޕާރުސަލުގެ ތެރެއިންވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ވަނީ ފެނިފައިކަމުގައި ކަސްޓަމްސް އިން ބުނެއެވެ. މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 288 ގްރާމް ހުރި ކަމުގައިވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މި މައްސަލައިގާ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 575 ގްރާމް ހުރިއިރު، މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހަވާލުކޮށްފައިވާނެ ކަމުގައިވެސް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް