ބީއެމްއެލް ލޯނުތަކަށް ރަނގަޅު ބަދަލުތަކެއް – ލުއި އެކްސްޕްރެސް ލޯނު ތިން ލައްކައާއި ހަމައަށް

ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަދި ލޯނު ނެގުމުގައި ކަސްޓަމަރުންނަށް އިތުރު ފަހެލިކަމެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދޫކުރާ ލޯނުތަކަށް ރަނގަޅު ބަދަލު...

10 Feb 2019 | 09:10

ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަދި ލޯނު ނެގުމުގައި ކަސްޓަމަރުންނަށް އިތުރު ފަހެލިކަމެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދޫކުރާ ލޯނުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފިއެވެ.

މި ގެނުވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި300,000  ރުފިޔާ އާ ހަމަޔަށް ލޯނު ލިބިގެންދާނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ވަނީ ކަނޑައެޅިފައެވެ. ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. އަދި މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއްވެސް ބޭނުމެއް ނުވެއެވެ. އަދި އަމިއްލައަށް އެއްވެސް ޚަރަދެއްވެސް ކުރަންނުޖެހެއެވެ.

ބީއެމްއެލް އިން ވަރަށް ކުރީއްސުރެ ,00015 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނުވެސް މިވަނީ ލުއި މައިކްރޯ އަށް ބަދަލުކުރެވިފައެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ.  މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ޚަލާސްކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށްވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި 5 އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. ރަހުނަކާއެކު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ބީއެމްއެލް ލައިފްސްޓައިލް ލޯން ދޫކުރެއެވެ.

ބީއެމްއެލް ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް މރ. ކުލްދީޕް ޕަލިވާލް ވިދާޅުވީ " ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުން ބޭޏުންވާ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުން. މިއަދު ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ. ކަސްޓަމަރުންނަށް މިހާރު ބޮޑު އަދަދަކަށް އެދި ހުށަހެޅޭނެ އަދި ހަމައެޔާއެކު ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބިގެންދާނެވެސްމެ."

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް