އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތުގެ މައްޗަށް ހޯދި 3-0 ގެ ބޮޑު މޮޅާއެކު ލިވަޕޫލް އަނެއްކާ ވެސް ލީގު ތާވަލުގެ 1 ވަނައަށް އަރައިފިއެވެ. ލިވަޕޫލް އާއި ސިޓީ މިހާރު 26 މެޗު ކުޅެފައިވާއިރު، ސިޓީގެ މައްޗަށް ލިވަޕޫލްއަށް އޮތީ 3 ޕޮއިންޓްގެ ލީޑެކެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު 2 މެޗުން، ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް އަތުން އެއްވަރުވެފައި އޮތް ލިވަޕޫލް އިން ރޭގެ މެޗު ފެށީ ވަރަށް ވަރުގަދަ ކޮށެވެ. އެ ޓީމަށް ގޯލު ހުޅުވާލަ ދިނީ މެޗުގެ 24 ވަނަ މިނިޓުގައި ސަޑިއޯ މާނޭއެވެ. މިލްނާ ނަގައިދިން ހުރަސް މާނޭއަށް ލިބުނުއިރު އޭނާ މުޅިން ހުހަށް ހުރެ ބޯޅަ ބޮލުން ގޯލަށް ވައްދާލީ ފުންމައި ވެސް ނުގަނެ، ފަސޭހަކަމާއެކުގައެވެ. މިއީ އޭނާ ލިވަޕޫލްއަށް ޖެހިޖެހިގެން ލަނޑު ޖަހައިދިން 4 ވަނަ މެޗެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލް ލީޑު ފުޅާކުރީ ވިޖްނާލްޑަމް ޖަހައިދިން ފުރިހަމަ ލަނޑުންނެވެ. ބޫޓުގެ ބޭރު އަރިމަތިން އޭނާ ޖެހި ޗިޕް ގޯލަށް ވަނީ ބޯންމައުތުގެ އާކޭ އަދި ބޮރުޗްގެ ބޯމަތިން ގޮހެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ސަލާހަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ބޭނުން އޭނާއަށް ނުކުރެވުމުގެ ބަދަލުގައި، އޭނާ ވަނީ ދެ ވަނަ ހާފުގައި ލިވަޕޫލްއަށް 3 ވަނަ ލަނޑު ޖަހައިދީފައެވެ. ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން މުހައްމަދު ސަލާހް މި ލަނޑު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގައެވެ.
ލިވަޕޫލްއާ އެންމެ ގާތުން ލީގަށް ވާދަކުރާ މެންޗެސްޓާ ސިޓީ މިރޭ ޗެލްސީއާ ދެކޮޅަށް ބޮޑު މެޗަކަށް ނުކުންނައިރު، ލިވަޕޫލްއަށް ދެން އެންމެ އަވަހަށް އޮތް ލީގު މެޗަކީ މި މަހުގެ 24 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން އެ ޓީމު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ވާދަކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް