ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ 2 ކްލަބްގެ ވާދަވެރި މެޗުގައި، ރޭ އެތުލެޓިކޯ މެޑްރިޑްގެ މަޝްހޫރު ވަންޑަ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 3-1 އިން އެ ޓީމް ބަލިކޮށް ރެއާލް މެޑްެރިޑުން ލީގު ތާވަލުގެ 2 ވަނައަށް ޖެހިލައިފިއެވެ.
ރެއާލްއިން ވާދަވެރި އެތުލެޓިކޯގެ މައްޗަށް 1 ޕޮއިންޓްގެ ލީޑެއް ހޯދާ، ބާސެލޯނާއާ 5 ޕޮއިންޓަށް ގާތްކުރިއިރު، ރޭގެ މެޗުގައި ރެއާލްގެ ވޭލްސް ތަރި ގަރަތު ބޭލް ވަނީ ރެއާލްއާއެކު 100 ވަނަ ލަނޑު ހަމަކޮށްފައެވެ. އަނެއްކޮޅުން، މިރޭ ބާސާ ކުޅޭ މެޗުން އެތުލެޓިކް ކްލަބް އަތުން މޮޅުވެއްޖެނަމަ، ރެއާލްގެ މައްޗަށް އެ ޓީމަށް 8 ޕޮއިންޓްގެ ލީޑެއް އަނެއްކާ ވެސް ލިބޭނެއެވެ.
ރޭގެ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓުގެ ތެރޭގައި ދެ ޓީމުން ވެސް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވިގެން އުޅުނުއިރު، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އެތުލެޓިކޯ އިންނެވެ. އެ ޓީމުގެ ތޯމަސް ޕާޓޭ ރެއާލްގެ ޑިފެންޑަރުން ކައިރިން ދެމިގަނެ ހަމަލާއެއް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ މާ ދުރުންނެވެ.
ރެއާލްގެ ކުޅުންތެރިންނަށް ކުޅުމުގެ ތެރެއަށް ވަދެވި ރަނގަޅަށް ކުޅެގަނެވުނުއިރު، ސެޓްޕީސްތަކުގައި އެތުލެޓިކޯގެ ޑިފެންސް ފެނުނީ ބަލިކަށިކޮށެވެ. ނަތީޖާއަކަށްވީ، ކޯނަރަކުން ނުރައްކާކޮށް ރެއާލްއިން ލީޑު ނެގުމެވެ. މެޗުގެ 16 ވަނަ މިނިޓުގައި ކްރޫސް ނަގައިދިން ކޯނަރު ސާޖިއޯ ރާމޯސް ބޮލުން ޖައްސާލުމުން ލިބުނީ ކަސެމީރޯ އަށެވެ. އޭނާ ވަނީ އެއްބުރުން ހިތްގައިމު ބައިސްކަލް ކިކް އަކުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
ފުރަތަމަ ލަނޑު ޖެހިތާ މާކަ ގިނައިރުތަކެއް ނުވެ ރެއާލްއިން އިތުރު ލަނޑެއް ޖެހުމާ ގާތަށް ދިޔައިރު، މެޗުގެ 25 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ، އެންޓޮއިން ގްރީޒްމަން އެވެ. ވިނީޝިއަސް އަތުން ހޯދި ބޯޅައަކުން އެތުލެޓިކޯއިން އަވަސް ކައުންޓަރ އެޓޭކެއް އުފައްދައި، ގްރީޒްމަންއަށް ތްރޫ ޕާހެއް ދިންއިރު، ޑިފެންޑަރެއްގެ އުނދަގުލެއް ނެތި ބޯޅައާއެކު އެރި ގްރީޒްމަން ބޯޅަ ގޯލަށް ފޮނުވާލީ ކުރިއަށް ނުކުމެނުކުމެ ހުރި ރެއާލްގެ ގޯލްކީޕަރ ތިބައޯ ކޯޓުއާގެ ދެފައި ދޭތެރެއިންނެވެ.
އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރުމަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއަށް އަލުން ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މިއީ ރެއާލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ ބޯޅަ ހިފައިގެން ޑިފެންޑަރު ކައިރިން ނައްޓާފައި އޭރިޔާގެ ތެރެއަށް ދެމިގަތުމުން ގިމެނޭޒް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު، މިއީ އެތުލެޓިކޯގެ އާ ދަނޑު ވަންޑަ މެޓްރޮޕޮލިޓާނޯ ދަނޑުގައި އެތުލެޓިކޯ ކޮޅަށް ފުރަތަމަ ހާފުގައި 2 ލަނޑު ވަން ފުރަތަމަ މެޗެވެ.
ދެ ވަނަ ހާފުގައި އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރިއިރު، އެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ވެސް ދިޔައެވެ. އަވަސް ކައުންޓަރ އެޓޭކެއްގައި ޑިފެންޑަރުންގެ ބޯ މަތިން މޮރާޓާއަށް ދިން ބޯޅައަށް އަރައި، ކުރިއަށް ނުކުންނަމުން އައި ކޯޓުއާއަށް ފުރުސަތެއް ނުދީ ކީޕަރުގެ ބޯ މަތިން ގޯލަށް ބޯޅަ އޮއްސާލި ނަމަވެސް، ވީއޭއާރ ރިވިޔު އަށްފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ނުކުރެވުނުއިރު، ވިނީޝިއަސްގެ ބަދަލުގައި ކުޅެން އަރާ މެޗުގެ 74 ވަނަ މިނިޓުގައި ގަރަތު ބޭލް ވަނީ ރެއާލްއަށް ލަނޑު ޖަހައިދީ 3 ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. މިއީ އޭނާ ރެއާލްއަށް ޖަހައިދިން 100 ވަނަ ލަނޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް