ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ސަރުކާރުން ދަޢުވަތު ދެއްވައިގެންނެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މި ސަމިޓްގައި ހިމެނުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާއީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހޯދުމާއި ބައިނަލްއަޤުވާމީ ގޮތުން އުފާވެރިކަން ގެނުވާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކޮށްފައިވެއެވެ.
މި އަހަރުގެ ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓްގައި ތައުލީމީ ދާއިރާއާއި، އާއިޖާދުތަކާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ދާއިރާއާއި، ދެމެހެއްޓެނެވި ތަރައްޤީއާއި ގްލޯބަލް ހެޕިނެސްއާއި ގުޅުންހުރި މައުޟޫތަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވާކަމުގައި ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު އާއި، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިލްހާމް އިދްރީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް