ދިވެހިންނަކީ އަބަދުވެސް އެކި ކަހަލަ ލަވަތައް އަޑުއެހުމަށް ޝައުގުވެރިކަން ހުންނަ ބައެކެވެ. މަޑުމައިތިރި އުފާވެރި ލޯބީގެ އެކިކަހަލަ ލަވަ އަޑުއަހާ ބައެކެވެ. އަލީ ރަމީޒް، ކުޑަ އިއްބެ އަދި ރާފިޔަތު ރަމީޒާ ފަދަ ލަވަކިޔުންތެރިންގެ މަޑުމައިތިރި ލަވަތަކުގެ ޖާދޫގައި ޖެހިފައި ތިބި ދިވެހިންގެ ލޭތަށް ކައްކުވާލީ، ދިވެހިންގެ ތެރެއިން ބަޔަކު ރެޕް ލަވަތައް ކިޔަންފެށުމުންނެވެ. ހަގީގަތަށް ބުނާނަމަ ރެޕް ލަވަތައް ފުރަތަމަ ޒުވާނުންގެ ތެރޭގައި މާ ބޮޑަކަށް ނުހިނގިއެެވެ. ނަމަވެސްު ސިމްބޮލިކްސް ރެކޯޑްސްގެ ނަމުގައި ޒުވާނުންތަކެއް ސްޓޫޑިއޯ އެއް އުފެއްދި ހިސާބުން ފެށިގެން ދުވަސްކޮޅެއްގެ ތެރޭގައި ރެޕް އަދި ހިޕްހޮޕް ލަވަތައް ދިވެހިންގެ ޕްލޭލިސްޓްތަކުން ޖާގަ ހޯދަން ފެށިއެވެ. ޒުވާނުންގެ މެދުގައި ރެޕްގެ ފޯރި ހިފައި، އެތައް ބަޔަކު މިދާއިރާއައި ގުޅެން ފެށިއެވެ. އެހެން ނަމަވެސް، 2015 ވަނަ އަހަރު ރެޕް އިންޑަސްޓްރީއާއި ގުޅުނު ހދ. ނޭކުރަންދޫ އަށް އުފަން، މުހައްމަދު ނަބީލް ނިޔާޒު ( ޓޯއީ) ވެގެން ދިޔައީ ދިވެހި ރެޕް އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންގޮސް ދިން ކުޅަދާނަ ޒުވާނަކަށެވެ.
ހަމަގައިމުވެސް ޓޯއީ އޭ ބުނެފިނަމަ އެއީ ކާކުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ޓޯއީ އަކީ އެތައް ދިވެހި ޒުވާނުންނެއްގެ ހިިތުގައި ރަސްކަން ކުރާ ކާމިޔާބު ރެޕާރ އެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. މިވާހަކައާާއި ދެބަސްވާނެ މީހުން ވެސް މަދުވާނެއެވެ. ޝައްކެއްނެތް ކަމަކީ ޓޯއީއަށް ރެޕް އިންޑަސްޓްރީއަށް އާދެވުނީ ކިހިނެތް ކަމާއި، އަދި އޭނާގެ ޕްރޮފެޝަނަލް އަދި ޕާސަނަލް ލައިފް އާއި ބެހޭ ކަންކަން އެނގެން ބޭނުންވާ އެތައް ޒުވާނުންނެއް އުޅޭނެެ ކަމެވެ. ޓޯއީގެ ދިރިއުޅުމުން ނަމޫނާ ނަގައިގެން ރެޕްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާނެ އެތައް ޒުވާނުންނެއް އުޅޭނެއެވެ.
ދުވަހަށް ހާއްސަ އިންޓަވިއުއެއް ދެމުން ޓޯއީ ބުނީ، އޭނާ ކުރިންވެސް ލަވަ ކިޔާ ކަމަށާއި އޭރުވެސް ރެޕް ކުރާ ހިތްވާ ކަމަށެވެ. ޓޯއީ ބުނީ އޭނާ އޭރު ހީކުރީ ރެޕް ނުކުރެވޭނެ ކަމަށް ކަމަށާއި އެއީ ވަކި ބަޔަކަށް ކުރެވޭ ކަމެއް ކަމަށެވެ. ނަމަވެސް، ރެޕް ކުރުމުގައި އޭރު މަސައްކަތް ކުރަމުންދިޔަ ޓޯއީގެ ބައެއް އެކުވެރިންގެ މަސައްކަތްތައް ފެނި ރެޕް ކުރަން ހިތްވަރު ލިބުން ކަމަށެވެ. އެކުވެރިންގެ އިތުރުން ޓޯއީގެ ބައްޕަ އޭނާއަށް ދިން ނަސޭހަތުން ވެސް ވަރަށް ހިތްވަރު ލިބުން ކަމަށެވެ.
" ބައްޕަވެސް އަސްލު އާއްމުކޮށް ބުނާނެ، އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫނޭ.. ހަމަ އެހެން އިންސާނުންވެސް ކުރާ ކަމެކޭ ވަކި ޓޯއީ އަށް ކީއްވެހޭ ނުކުރެވެންވީ.. " ޓޯއީ ބުންޏެވެ.
ޓޯއީ ބުނީ އެކުވެރިންނާއި އާއިލާގެ ފަރާތުން ލިބުނު ހިތްވަރުގެ، ސަބަބުން އެ ދާއިރާއަށް ނިކުމެވޭނެ ކަން ގަބޫލުކުރެވުނު ކަމަށެވެ. ޓޯއީގެ ފުރަތަމަ ރެޕް ލަވަ ރިލީޒްކުރީ ވަރަށް ބިރުން ހުރެ ކަމަށާއި، ނަމަވެސް އާއްމުން އެލަވަ ވަރަށް ބޮޑަށް ބަލައިގަން ކަމަށެވެ. ޓޯއީގެ ފުރަތަމަ ރެޕް ލަވައިގަ އޭނާއާއިއެކު އެހެން އާޓިސްޓުން ވެސް ފީޓް ކުރިއެވެ. ޓޯއީ ބުނީ އޭނާ ރިލީޒް ކުރި ފުރަތަމަ ރެޕް ލަވައަކީ " މީ އަހަރުން" ކަމަށެވެ. ޓޯއީގެ ތިންވަނަ ލަވަކަމަށްވާ "ކުރުވާހަކަ" އަކީ އަދިވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލު ލަވައެކެެވެ. ޓޯއީ ވަނީ މިދިޔަ ޑިސެމްބަރު މަހު އޭނާގެ އަމިއްލަ ލަވަ އަލްބަމެއް "318" ނަމުގައި ނެރެފައެވެ. ޓޯއީގެ ބައެއް ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، " ދުރުވާނެބާ" ، " ވާނަން އުމުރަށް" ފަދަ ލަވަތައް ހިމެނެއެވެ. ޓޯއީ ވަނީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ ގިނަ ލަވަތަކެއް ނެރެފައެވެ. ޓޯއީގެ އެންމެ ފަހުގެ އަލްބަމުގެ ލަވަތައް ވެސް ވަނީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. ޓޯއީ ބުނީ އޭނާއަށް ރެޕްކުރުމުގެ ދާއިރާގައި އެހީތެރިވި މީހުންގެ ލިސްޓް ކިޔާ ހުސްނުވާނެ ކަމަށެވެ. އޭނާގެ އެކުވެރިންނާއި އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުންކަން ޓޯއީ ވަނީ ފާހަގަކޮށްފައެވެ.
https://www.youtube.com/watch?v=E3xUvzI4kM8&feature=youtu.be
" ފާހަގަކޮށްލާނަން މާޓު ވަރަށް ހެލްޕްވި މީހެއް.. ދެން ޒިޔާ، އޭޑީ.. ދެން ސިމްބޮލިކްސް ރެކޯޑްސްގައި އުޅޭ އެންމެންވެސް ވަރަށް ހެލްޕްވި.." އޭނާއަށް އެންމެ ބޮޑަށް އެހީވި މީހުންގެ ނަން ފާހަގަކުރަމުން ޓޯއީ ބުންޏެވެ.
ދުވަސް" އިން ވާނީ ޓޯއީގެ ޕާސަނަލް ލައިފްއާއި ބެހޭ ގޮތުން ވެސް" ބައެއް ސުވާލުތައް ކޮށްފައެވެ.
ޓޯއީ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ދިރިއުޅުމުގައި ބައެއް މީހުންގެ ފަރާތުން ލިބުނު ދެރަތަކަކީ އޭނާ ރެޕް ދާއިރާއިން ރަނގަޅު ކާމިޔާބީއެއް ހޯދަން ލިބުނު ވަރަށް ބޮޑު ހިތްވަރެެއް ކަމަށެވެ. ޓޯއީ ބުނީ އޭނާ ދެކޭ ގޮތުގައި ކާމިޔާބު ފިރެހެނެއްގެ ފަހަތުގައި، އޭނާ ދޫކޮށްލާފައި ދިޔަ އަންހެނުންތަކެއް ތިބޭނެ ކަމަށެވެ.
https://www.youtube.com/watch?v=NN_kCcDpJfA&feature=youtu.be
ޓޯއީ ބުނީ އޭނާގެ އާއިލާގެ ފަރާތުން ވަރަށް އެއްބާރުލުން ލިބޭ ކަމަށެވެ. ނަމަވެސް "ހައެ ހައެ" ލަވަ ނެރުމުން އާއިިލާގެ ބައެއް މެމްބަރުންގެ ފަރާތުން ނުރުހުމުގެ ބަސްތައް އަޑުއިވުން ކަމަށެވެ. ޓޯއ ބުނީ "ހައެ ހައެ" ލަވައަކީ އޭނާގެ އެކްސްޕެރިމެންޓެއް ކަމަށެވެ. އޭނާ ކިޔާފައިވާ ލަވަތައް ގުނާއިރު، އެލަވަ ނުހިމަނާނެ ކަމަށެވެ. ޓޯއީ ބުނީ އެލަވަ ކީ ބަދަލެއް ގެނައުމަށް ކަމަށެވެ. ފޭނުންގެ ފަރާތުން ވަރަށް ލޯބި ލިބޭ ކަން ޓޯއީ ވަނީ ފާހަގަކޮށްފައެވެ. ޓޯއީ ބުނީ އޭނާއަށް ލިބޭ ނެގެޓިވް ކޮމެންޓްތައް ވެސް ނަގަނީ ޕޮޒިޓިވް ކޮށް ކަމަށެވެ. ޓޯއީ ބުނީ އޭނާ ހަމައެކަނި ކުރާ ކަމަކީ ރެޕް ކުރުން އެކަންޏެއް ނޫން ކަމަށެވެ. މީހުންނަށް އެހާ ބޮޑަށް ނޭގުނަސް އޭނާ ސިމްބޮލިކް ރެކޯޑްސް އިން ނެރޭ ވީޑިއޯތަކުގެ އެކިއެކި މަސައްކަތްތައް ވެސް ކުރާ ކަމަށެވެ.
https://www.youtube.com/watch?v=Xw_D9fyb5Xs
ޓޯއީގެ ފޭނުންނަށް ބުނެލަން ބޭނުންވާ އެއްވެސް ވާހަކައެއް އޮތްތޯ ސުވާލުކުރުމުން ޓޯއީ ބުނީ ފޭނުން ނެތިއްޔާ ޓޯއީ އެއް ނެތް ކަމަށެވެ. ޓޯއީގެ ހުރިހާ ފޭނުން ދެކެވެސް ވަރަށް ލޯބިވާ ކަމަށާއި ޓޯއީ ޓޯއީގެ ގޮތުގައި ފޭނުން ބަލައިގަންނާތީ ވަރަށް އުފާވާ ކަމަށެވެ. ޓޯއީ ބުނީ މިއަހަރުވެސް ފޭނުންނަށް ވަރަށް އުފާވެރި ހަބަރުތަކެއް ކުރިއަށް އޮތް ތަނުގައި ދޭނެ ކަމަށެވެ.
ހަމަގައިމުވެސް ޓޯއީ އަކީ ދިވެހި ޒުވާނުން އެމީހެއްގެ މަސައްކަތުން ނަމޫނާ ނަގަންޖެހޭ ފަދަ ޒުވާނެކެވެ. އުމުރުން 23 އަހަރުގައި ޓޯއީ ވަނީ ދިވެހި ރެޕް އިންޑަސްޓްރީއަށް ރީތި ލަވަތަކެއް ހަދިޔާކޮށްދީފިއެވެ. ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކުން ފިލާވަޅު ހާސިލުކޮށްގެން ހިތްވަރާއިއެކު ކުރިއަށް ދާނެ ރީތި މަގެއް ޓޯއީ މިވަނީ ދައްކާފައެވެ. ދުވަސްގެ ޓީމުން އެދެނީ ޓޯއީ އަށް ރެޕްގެ ދާއިރާގައި ވަރަށް ބާޖަވަރި ކުރިމަގަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް