އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް(އައިޔޫއެމް)ގެ ލާނިން ސެންޓަރެއް ލ. ފޮނަދޫގައި ހުޅުވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު އައިޔޫއެމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޒާ އައިޝަތު ޚަލީލާ އަބްދުއްސައްތާރު އެވެ. ލ. ފޮނަދޫ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް އެވެ.
އައިޔޫއެމްއިން ހާމަކޮށްފައިވާގޮތުގައި މި އެއްބަސްވުގެ ދަށުން ލ. ފޮނަދޫގައި އެ ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުވިގެންދާނެއެއެވެ. އަދި އައިޔޫއެމްގެ ކޯސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުސަތު ލ. އަތޮޅުގެ ރައްޔިތުންނަށް މި ސެންޓަރުން ލިބިގެންދާނެކަމުގައިވެސް އައިޔޫއެމްއިން ފާހަގަކުރެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ފޮނަދޫގައި ގާއިމްކުރާ އައިޔޫއެމްގެ ލާނިން ސެންޓަރ ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށާއި މި ސެމިސްޓާގެ ކިޔެވުމުގައި ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް އޯޕަން ޑޭ ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އައިޔޫއެމްއިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އައިޔޫއެމްގެ ސެންޓަރުތައް ގާއިމް ކުރުމަށް އެ ޔުނިވާސިޓީން ވަނީ ނިންމާފައެވެ. އެގޮތުން މިހާތަނަށް ދެ ސެންޓަރެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި މިވަނީ ސޮއިކޮށްފައެވެ. އެއީ ފުވައްމުލަކުގައި ގާއިމް ކުރާ ސެންޓަރާއި ފޮނަދޫގައި ފޮނަދޫގައި ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް