ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ " ގޯލްޑް 100" ގެ ޕްލެޓިނަމް ޕާރޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ " ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް އާންމުކުރެވިގެންދާނީ 22 ފެބްރުވަރީ 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ.
މި ސްޕޮންސަރޝިޕް އާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ " ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސް އާ އެކު މި އަހަރުވެސް ޕަރޓްނަރޝިޕެއް ގާއިމުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރަމުން. އަދި މި އެވޯޑާއެކު ބޭންކުން މިދަނީ އެ ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގުވަޒަންކުރަމުންވެސްމެ."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް