ފަތުރުވެރިކަމުގެ ރަން ޔޫބީލް ލޯގޯ އަންނަ ޖެނުއަރީން ފެށިގެން ބޭނުންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއަންގަވައިފި އެެވެ.
ރައީސް އަންގަވާފައިވަނީ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު 1 ޖަނަވަރީ 2022 އިން ފެށިގެން "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، 7 ޑިސެންބަރު 2021 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.
2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އެ އަހަރަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާޙްކުރައްވާފަ އެވެ.
މި ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ރަމްޒުވާ ސިފަތައް ހިމަނައިގެން ނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް