ވިކީއާ ކެޓްރީނާ ކައިވެނިކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަން ކައިވެނި ކޮށްފި އެވެ. މިއަދު ކައިވެނި ކުރިކަން ވިކީ އާއި ކެޓްރީނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ހާމަކޮށްފަ އެވެ. ދެމީހުން އެއް ފޮޓ...

09 Dec 2021 | 15:49

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަން ކައިވެނި ކޮށްފި އެވެ.

މިއަދު ކައިވެނި ކުރިކަން ވިކީ އާއި ކެޓްރީނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ހާމަކޮށްފަ އެވެ. ދެމީހުން އެއް ފޮޓޯތަކަކާއި އެކު ކޮށްފައިވާ ޕޯސްޓުގައި ޖަހާފައިވަނީ އެއް ކެޕްޝަން އެކެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އެންމެންގެ ލޯތްބާއި ދުއާ އާއި އެކު ދެމީހުން އާ ހަޔާތެއް ފަށާ ކަމަށެވެ. އަދި ދެމީހުންގެ ގުޅުން އެހިސާބަށް ގެންދިއުމަށް ހިތްވަރުދީ އެއްބާރުލުން ދިން މީހުންނަށް ލޯތްބާއި އެކު ޝުކުރު އަދާ ކުރާ ކަމަށް ބުނެފައިވެ އެވެ.

ދެ ތަރިންގެ ކައިވެނި އޮތީ އިންޑިއާގެ ރާޖިސްތާނުގެ މަޝްހޫރު ހޮޓެލް ސިކް ސެންސަސް ފޯޓް ބަރްވަރާގައި އެވެ. މިކައިވެނީގެ ރަސްމިއްޔާތުތައް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް އެ ހޮޓަލުގައި ކުރިޔަށް ދާނެ އެވެ.

ވިކީ އާއި ކެޓްރީނާގެ ގުޅުމަކީ މިއަދުގެ ކައިވެންޏަށް ފަހު ނޫނީ ދެމީހުންގެ ފަރާތުން ޔަގީން ކޮށްދިން ގުޅުމެއް ނޫނެވެ. ދެމީހުން ލޯބީގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ގުޅިގެން އުޅޭ ކަމުގެ ވާހަކަ ދެކެވުނު ނަމަވެސް ކައިވެންޏާއި ހަމައަށްވެސް އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

https://www.instagram.com/p/CXRDUNSvWlZ/

ރިޕޯޓުތައް ބުނާގޮތުގައި ދެ ތަރިން ހަނީމޫނަކަށް ނުދާނެ އެވެ. އެއީ މަސައްކަތް ހުރި ގޮތުން ޗުއްޓީ އިތުރު ކުރެވެން ނެތުމުންނެވެ.

ކައިވެނި ކުރަން ނެގި ކުރު ޗުއްޓީއަށް ފަހު ވިކީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ދިނޭޝް ވިޖާންގެ ފިލްމުގެ މަސައްކަތެވެ. ކެޓްރީނާ ފެށުމަށް ހަމަޖެހިފައިވަނީ ޝްރީރާމް ރާގަވަން ޑައިރެކްޓު ކުރާ ފިލްމެއްގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް