އެސްޓީއޯއިން މުވައްޒަފުންނަށް މުސާރަ ދިނުމުގައި މިނިވަން ވޭޖަށް އަމަލު ކުރަން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ މިނިވަން ވޭޖުގައި ކަނޑައަޅާފައިވާ ގޮތަށް މުސާރަ ދޭން ފެށީ މި ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ. މި ނިންމުމާއި އެގޮތަށް އަމަލު ކުރަން އަހަރަކު 14 މިލިއަން ރުފިޔާ އެ ކުންފުނިން އިތުރަށް ހޭދަ ކުރާނެ ކަމަށް ބުނެ އެވެ.
އެސްޓީއޯއިން ބުނީ މި ބަދަލާއި އެކު ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުޖޫރައެއް ކަށަވަރުވެގެންދާނެ ކަމަށެވެ.
މިދިޔަމަހުގެ ނުވަ ވަނަ ދުވަހު އިއުލާނު ކުރި މިނިވަން ވޭޖަށް އަމަލު ކުރަން ފަށަން ޖެހެނީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައަޅާފައިވާއިރު އެންމެ ދަށްކޮށް ދެވޭ މުސާރަ އަކީ 4،500 ރުފިޔާ އެވެ.
މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި އަދަދުތަކަށް ބަލާއިރު ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 4،500 ރުފިޔާ ކަނޑައަޅާފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ 7،000 ރުފިޔާ އެވެ. ބޮޑެތި ވިޔަފާރިތަކަށް މަަހަކު 8،000 ރުފިޔާ އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް