ގަވާއިދާ ޚިލާފަށް ރިޕޯޓްނުކޮށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން އިތުރުވެގެން ދިޔުމަކީ ކަނޑުތައް ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަނޑުތަކާ، ކަނޑުތަކުގެ ގާނޫނާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި ބޭއްވި ޕްލިމިނަރީ ޖަލްސާގައި، ވާހަކަދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ޕްލާސްޓިކާއި، ކެމިކަލް އަދި އެނޫންވެސް އެފަދަ މާއްދާތަކުން ކަނޑުތައް ތަޣައްޔަރުވެފައިވާ ކަމަށާއި އޭގެ ނުރަނގަޅު އަސަރު ކަނޑުތަކުގެ ދިރުންތަކުގެ އިތުރުން އިންސާނުންނަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ކުރާކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުތައް ތަޣައްޔަރުވުމާއި، ދިރޭތަކެތީގެ ނަސްލު ނައްތާލުމާއި، އިންވޭސިވް ސްޕީޝީޒްއާއި، ގަވާއިދާ ޚިލާފަށް ރިޕޯޓްނުކޮށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން އިތުރުވެގެން ދިޔުމަކީ ކަނޑުތައް ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، މި މައްސަލަތަކާއި ނުރައްކާތަކަކީ އެންމެންނަށް ވެސް އެނގޭ ކަމަކަށްވީނަމަވެސް، މިކަމުގައި އަމަލީގޮތުން މަސައްކަތްކުރުން ލަސްވެފައިވާކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ.
"މަލްޓިލޭޓަރަލިޒަމްގެ އެހީތެރިކަމާއެކު ކަނޑުގެ ގާނޫނާ ބެހޭ އޮނިގަނޑެއް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ބަލައިގަނެވިއްޖެ. އދ. ގެ މަޖިލީހަކީ ކަނޑުގެ މައްޗަށް ދުނިޔޭގެ ފެންވަރުގައި ގަވަރނަންސެއް ގާއިމްކުރުމުގައި ކޮންމެހެން ބޭނުންތެރި މަޖިލީހެއް." ޝާހިދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް