ހުޅުމާލޭ ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޮޑު ޖަލްސާއެއް ނުބޭއްވިޔަސް އެ ފްލެޓުތައް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަން އެނގޭނެ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ އެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ސަރުކާރުގައިކަން އެނގޭ ކަމަށާއި އިދިކޮޅުން އުޅެނީ އެކަމުގެ ކްރެޑިޓް އެހެން ބަޔަކު ނަގާ ކަމަށް ހީކޮށްގެން ކަމަށެވެ. ނިޔާޒު ވިދާޅުވީ ރައީސް ޔާމީން ވެސް ރަނގަޅު މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ކްރެޑިޓާއި އަދި ސިޔާސީ މަންފާ ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ އަވަސް އަރުވާލައިގެން ނޫޅެ ހިޔާ ފްލެޓުތުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދެންދެން މަޑުކޮށްލުން ރަނގަޅު ކަމަށެވެ. އިދިކޮޅުން އުޅެނީ އެހެން ބަޔަކު އެތަނަށް ވެރިވެގަންނާނެތީ އަވަސް އަރުވާލައިގެން ޖަލްސާ ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ.
ދާދިފަހުން ނެރުނު ރިޕޯޓަކާއި ހަވާލާދީ ރޭގެ ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަން ނިމުނު އިރު ހިޔާ މަޝްރޫއުގެ ނިމިފައިވަނީ30 ޕަސެންޓު ކަމަށެވެ. އަނެއް70 ޕަސެންޓު ނިންމީ މި ސަރުކާޜުން ކަމަށް ވިދާޅުވި އެވެ.
އިދިކޮޅުން މަސައްކަތް ކުރަނީ "ކޮތަރު ކޮށި" ނަމުގައި މާދަމާރޭ ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ޖަލްސާއެއް ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވުމަށެވެ. އެކަމަކު އެޗްޑީސީން ވަނީ ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަންގެ ހުއްދަ ލިބިގެން ކަމަށްބުނެފަ އެވެ.
އަދި ރޭގައި ފުލުހުން ގޮސް ވަނީ އެ ސަރަހައްދުގައި ސެކިއުރިީ ބަލަހައްޓައި އިދިކޮޅު އެކްޓިވިސްޓުންނަށް ކައިރި ނުވެވޭގޮތް ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް