މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ކ. ގާފަރުގައި ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ފިޝަރީޒް އެކްސްޕޯ" އެއް މިއަދު އެރަށުގައި ހުޅުވައިފި އެވެ.
މިއަދު ހެނދުނު މި އެކްސްޕޯ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސެއިން ރަޝީދު ޙަސަން އެވެ.
އެކްސްޕޯ ހުޅުއްވައިދެއްވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މަސްވެރިކަމަށް އައިސްފައިވާ ލުއިފަސޭހަކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ޒަމާނީ ވަޞީލަތްތަކުގެ ސީދާބޭނުން މިފަދަ އެކްސްޕޯއެއް މެދުވެރިކޮށް މަސްވެރިންނަށާއި ޢާއްމު ރައްޔިތުންނަށް ވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ އުފެއްދުންތަކާއި އެކަމާއި ގުޅުންހުރި މަޢުލޫމާތުތައް މި އެކްސްޕޯ މެދުވެރިކޮށް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި އެކްސްޕޯއަށް ކ. ގާފަރު ކައުންސިލާއި ގާފަރު ރައްޔިތުންގެ ފަރާތުން ލިބިފައިވާ ފުރިހަމަ އެއްބާރުލުން ވެސް ޑޮކްޓަރ ޙުސެއިން ރަޝީދު ޙަސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދަނީ ޢާއްމުކޮށް ހުޅުވާލެވިގެން ގާފަރު ބަނދަރު ޞަރަޙައްދުގަ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި، ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބައްޓަންކުރުމަށް އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކާއި، މަސްވެރިކަމުގައި ބޭނުންކުރާ ޒަމާނީ އެކިއެކި ވަސީލަތްތަކާއި އެ މަސައްކަތްތައް ކުރަން ބޭނުން ކުރާ ޒަމާނީ އާލާތްތަކާއި އުފެއްދުންތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ޢާއްމުންނަށް މައުލޫމާތު ދިނުން ކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް