ގައުމީ ކުތުބުޚާނާ ތަަރައްގީ ކުރުމަށް ބޮޑު މަޝްރޫއެއް ބީއެމްއެލްއިން ފަށަނީ

ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ. މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހ...

09 Dec 2021 | 07:24

ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.

މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

މިއަދު ގައުމީ ކުތުބުޚާނާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ކުތުބުޚާނާ ތަރައްގީކުރުމަށް އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އެވެ. ކުތުބުޚާނާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް އެވެ.

މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވަޑައިގެންނެވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގައުމީ ކުތުބުޚާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެއަދި ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކުތުބުޚާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމާއި ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރާނެ އެވެ. އަދި މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްދެވޭނެ އެވެ.

މިއާއެކު ގައުމީ ކުތުބުޚާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުޚާނާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ލައިބްރަރީތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބައެއް ކަމަށާއި ގައުމީ ކުތުބުޚާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް ކަމަށެވެ.

"ހަމައެއާއެކު ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް. އަދި މިފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ." ޓިމް ސޯޔަރ ވިދާޅުވި އެވެ.

ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި "ބީއެމްއެލް ސްކޮލަރޝިޕް ފަންޑު' ތައާރަފްކޮށްފަ އެެވެ. ސްކޮލަރޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑުގެ އަމާޒަކީ މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް