ރަޖިސްޓްރީ ބާޠިލު ކުރީ ޤާނޫނާއި ޚިލާފަށް، ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރާނަން: އެޗްޑީސީ

މާލޭ ސިޓީ ކައުންސިލުން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލް ކޮށް ފޭސް އެކެއް އަދި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ޤާނޫނާއި ޚިލ...

09 Dec 2021 | 05:14

މާލޭ ސިޓީ ކައުންސިލުން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލް ކޮށް ފޭސް އެކެއް އަދި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން އެޗްޑީސީން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމުގައި ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކޮށްފައި ވަނީ ޕީޕީއެމް/ޕީއެންސީން ހުޅުމާލޭގައި ކޮތަރު ކޮށީގެ ނަމުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމުގައި ބުނެފައި ވާތީ އެ ކައުންސިލާއިި އެ ކޯޕަރޭޝަނާއި ދެމެދު ދެބަސްވުން އުފެދިފައި ވާ ދަނޑިވަޅެއްގައެވެ.

މި ރަޖިސްޓްރީ ބާތިލް ކޮށްފައި ވަނީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަަނަ ރަސްމީ އާންމު ޖަލްސާގައި 12 ކައުންސިލަރުންގެ އަޣްލަބިއްޔަތުންނެވެ.

އެޗްޑީސީން ރޭ ނެރުނު ބަޔާނުގައި ވިދާޅުވީ ހުޅުމާލޭގެ ބިމަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ.

އަދި ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާ އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ހިލާފަށް ކަމަށާއި އަދި އެއީ ނާތަހުޒީބީ ނިންމުމެއް ކަން ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި މަސްލަހަތުތަކާއި ހައްގުތައް ލިބިދީފައިވުން ކަމުގައި ވިދާޅުވެ، ރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނުގައިވާ ގޮތުން ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިންވެސް އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ގާނޫނު އަސާސީގައިވާ ގޮތުން އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުން ނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫނީ ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށްވެސް އެޗްޑީސީން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާ ގުޅިގެން އެޗްޑީސީ އަށް ލިބިފައިވާ އެންމެހައި ހައްގުތައް އެ ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަން އެ ބަޔާނުގައި ވެއެވެ. އަދި އެކަމުގެ ސަބަބުން އެޗްޑީސީ އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ އުފުލާނެ ވާހަކަ އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާހް ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް