ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވެ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާންއަތުން ބާސާ ބަލިވީ 0-3 ގެ ނަތީޖާއިންނެވެ.
މި މެޗަށް ނިކުތްއިރު ވެސް މުބާރާތުގެ ދެވަނަ ބުރުގެ ހާގައެއް ބަޔާން އަށް ކަށަވަރުވެފައިވާއިރު، ރޭގެ މެޗުން ބާސާ އަތުން ހޯދި މޮޅާއި އެކު އެޓީމުން ގުރޫޕް ސްޓޭޖުގެ ކުޅުން ނިމާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮވެއެވެ. އެގޮތުން ރޭގެ މޮޅާއި އެކު ބަޔާންއަށް ވަނީ ކުޅުނު ހަ މެޗުން 18 ޕޮއިންޓު ލިބިފައެވެ.
ރޭގެ މޮޅާއި އެކު ބަޔާންއިން އެޓީމު ހިމެނޭ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި އޮވެ ގުރޫޕް ސްޓޭޖު ނިންމާލިއިރު، މި ގްރޫޕްގެ ދެވަނަ ލިބުނީ ބެންފީކާއަށެވެ. އެޓީމަށް ގުރޫޕް ގެ ދެވަނަ ލިބެނީ ކުޅު ހަ މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ. ރޭ ބަޔާން އަތުން ބަލިވެ މުބާރާތުން ކެޓި ބާސާއަށް ގްރޫޕްގެ ތިންވަނަ ލިބުނުއިރު، އެޓީމަށް ތިންވަނަ ލިބެނީ ކުޅުނު ހަ މެޗުން ހަތް ޕޮއިންޓް ލިބިގެންނެވެ.
ކޮންމެ ގްރޫޕަކުން ވެސް ތިންވަނަ އަށްދާ ޓީމު ކުޅެން ޖެހޭނީ ޔޫރަޕްގެ ދެވަނަ ފަސްތީގެ މުބާރާތެއް ކަމުގައިވާ ޔޫރޮޕާ ލީގުގަ އެވެ. މިއީ ވޭތުވެ ދިޔަ 21 އަހަރުގެ ތެރޭގައި ބާސާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. އެޓީމުން އެންމެ ފަހުން ޔޫރޮޕާ ލީގުގައި ކުޅެފައިވަނީ 2003 ވަނަ އަހަރުގައެވެ.
ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅެ ބާސާ ބަލިވި މި މެޗުގައި ބަޔާންއަށް ލަނޑުތައް ޖަހައިދިނީ ތޯމަސް މުލާއާއި ލީރޯއި ސާނޭގެ އިތުރުން މުސިއާލާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް