ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން ދާއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާ ތަކުންނާއި ޢާންމު ފަރުދުން އާ ޢަޒުމެއްކަނޑަ އަޅަން ޖެހޭކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމްއިން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މުސްތަޤިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް، ވޭތުވެ ދިޔަ އަހަރުތަކުގައި ކަންކަންނިމިގެން ގޮސްފައިވަނީ، ވަކި މީހަކު ބުނާގޮތަކަށްކަމީ މިއަދު ގިނަބަޔަކު ޤަބޫލުކުރާ ހަޤީގަތެއް ކަމަށެވެ.
"ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް ޤާނޫނުއަސާސީގައި ބުނެފައިވާއިރު، އެ ބާރުތައް ނިމިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. މިކަން މިހެން އޮއްވާ މިހާރުގެ ސަރުކާރުން އެ ބާރުތައް ކައުންސިލްތަކަށްދެއްވައި، އަދި ލާމަރަކުޒީ ޤާނޫނަށް ބޭނުންވާ އިސްލާހުތައް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އަދި އެބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ. މިކަމަކީ، މިސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރައްވާކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް ލިބިގެން ދިޔަކަމެކެވެ." އެމްއާރުއެމްއިން ބުނެފައިވެއެވެ.
އޭގެއިތުރުން، ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓް އެއް ނިމިދިޔަ ސަރުކާރުގައި ހިންގާފައި ވާއިރު، އެފައިސާ ހޯދައިފައިވަނީ ކިހިނެއްތޯ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަންގަވާފައިވާ ނުވާތީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ޕްރޮޖެކްޓްތަކެއް ވަނީ ހިންގާފައެވެ. މިހާރުގެ ސަރުކާރުން އެކަން ކަން ބައްލަވައި، ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރާ ކަމަށާއި މިގޮތުން ބައެއް މައްސަލަ ތަކުގައި ބައެއްފަރާތްތަކަށް ފިޔަވަޅު އެޅިފައިވާ ކަމީ، މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ދިވެހިރައްޔިތުންނަށް ފެނިގެން ދިޔަކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
"ހަމައެހެންމެ، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް، ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިއުމަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދެވެ. އެމް.އާރް.އެމް އަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެކެވެ. އެގޮތުން، ވޭތުވެ ދިޔަ ސަރުކާރުގައި އެމް.އާރް.އެމް ގެ އިސްވެރިން ޤާނޫނާ ޚިލާފަށް ބަންދުކޮށް، ޖަލަށްލައި، އެބޭފުޅުންނަށް އެތައް އަނިޔާއެއް ދީފައިވަނީ، ކޮރަޕްޝަނާދެކޮޅަށް ދިވެހި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރެއްވުމުންނެވެ. މިއީ ބަދަލު ނުކުރެވޭނޭ ޙަޤީޤަތެކެވެ." އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި، ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެއްވާފައިވާކަމީ، މިސަރުކާރުން ކޮރަޕްޝަނާދެކޮޅަށް މަސައްކަތް ހުއްޓުމެށް ނެތި ކުރައްވާނެ ކަމުގެ ވަރުގަދައިންޒާރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް