ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް ގެ މުއައްޒަފުންނާއި ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައި މި ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި މި ހަފްލާގައި ބޭންކުގެ ގިނަ އަދަދެއްގެ މުއައްޒަފުން ވެސް ބައިވެރިވިއެވެ. އާކް އަށް ބޭންކާއި ބޭންކުގެ މުއައްޒަފުންގެ ފަރާތުން ވަނީ 60،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައިހިންގުމަށެވެ.
"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް