މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަހިބަދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި މިއްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
މާލެއިން ފުރައިގެން މަހިބަދުއަށް ދަތުރު ކުރަމުންދާ ބޯޓަކުން ދެ މީހަކު މަހިބަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް