ދަތުރަކު ދާއިރު މިތަކެތި ކޮންމެހެންވެސް ގެންދަވާ!

ތިއީ ވަރަށް ދަތުރުކުރާހިތްވާ ފަރާތެއް ހެއްޔެވެ؟ އެކިރަށްރަށަށާއި އެކި ޤައުމުތަކަށް ދާހިތްވޭ ހެއްޔެވެ؟ ދަތުރަކު ދާއިރު ދެވެނީ ފުރިހަމައަށް ތައްޔާރުވެގެން ހެއްޔެވެ؟ ކިތަންމެ ރޭވިނަމަވެސް ގިނަފަހަރު ދެވެ...

09 Dec 2019 | 01:27

ތިއީ ވަރަށް ދަތުރުކުރާހިތްވާ ފަރާތެއް ހެއްޔެވެ؟ އެކިރަށްރަށަށާއި އެކި ޤައުމުތަކަށް ދާހިތްވޭ ހެއްޔެވެ؟ ދަތުރަކު ދާއިރު ދެވެނީ ފުރިހަމައަށް ތައްޔާރުވެގެން ހެއްޔެވެ؟ ކިތަންމެ ރޭވިނަމަވެސް ގިނަފަހަރު ދެވެނީ ވަރަށް މުހިންމު، ބޭނުންތެރި ބައެއް އެއްޗެހި ނުހިފައެވެ. މިޗުއްޓީގައި ދަތުރުދާން ތައްޔާރުވާއިރު މިއާރޓިކަލްގައި މިހިމަނާލާ ތަކެތި ކޮންމެވެސް ހަނދާންނައްތާނުލާށެވެ.

ދަތުރުމަތީގައި ކަރުދަށަށްލާނެ ބާލީސް ނުވަތަ ނެކްޕިލޯ

މިއީ ދަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލުވެފައިވާ އެއްޗެކެވެ. ޚާއްސަކޮށް ވައިގެމަގުން ދަތުރުކުރާ މީހުންގެ މެދުގައެވެ. "ޔޫ"އެއްގެ ބައްޓަމަށް ހުންނަ މިބާލީހަކީ ދަތުރުމަތީގައި ގިނައިރު އިށީންދެ އިންނައިރު، ނިދި، ބޯބޭއްވޭގޮތަކުން ކަރަށް އަރައިފާނެ ތަދަކުން ސަލާމަތްކޮށްދިނުމަށް ފަރުމާކޮށްފައިވާ ބާލީހެކެވެ. ނަމަވެސް ކަނޑުދަތުރުތަކުގައިވެސް ގިނައިރު އިށީންދެ އިންނަނަމަ މިބާލީހަކީ ބޭނުންހިފޭނެ، ތިމާއަށް ފަސޭހަކޮށްދޭނެ އެއްޗަކަށްވާނެއެވެ. އާންމުކޮށް މިބާލީސް ބޭނުންކުރާ ފަރާތްތައް ބާލީސް ކަރުގައި އަޅުވަނީ ބާލީހުގެ ހުސްކޮށްހުންނަބައި ކުރިމައްޗަށް، ނުވަތަ ދަތްދޮޅިދަށަށްވާގޮތަށެވެ. ނަމަވެސް ގޮނޑިއެއްގައި އިށީންދެ ހުންނައިރު ގޮނޑީގެ ލެނގިލާބައި ތިމާގެ ކަރަށްވުރެ މައްޗަށް އަރާނަމަ މިބަލީހުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ މިބުނެވުނު ހުސްކޮށް ހުންނަބައި ކަރުގެ ފަހަތަށް ބަހައްޓައިގެންނެވެ. މިހެން ބެހެއްޓުމުން ދަތްދޮޅިވެސް ބާލީހުގެ އެހީގައި ހިފޭއްޓިފައި ހުރެއެވެ.

އަވަސްފަރުވާ ދަބަސް ނުވަތަ ފަސްޓް އެއިޑް ކިޓް

ކުޑަ ފަސްޓްއެއިޑް ކިޓެއް އަބަދުވެސް ދަބަހުގައި ގެންގުޅުމަކީ ވަރަށް ބުއްދިވެރިކަމެކެވެ. ދަތުރަކުދާނަމަ މިއީ ގެންދިޔުން ވަރަށް މުހިއްމު އެއްޗެކެވެ. ސޭފްޓީ ޕިނާއި، ބެނޑޭޖާއި، މަލަމާއި، ތަދުކަނޑުވަ ބޭހަކާއި، ޑިސްއިންފެކްޓެންޓަކާއި، އެންޓިހިސްޓެމައިންއަކާއި، އެންޓިބައޮޓިކް އޮއިންޓްމެންޓަކާއި ކުޑަކަތުރެއް ކުޑަ ދަބަހަކަށް ލައިގެން އަމިއްލަ ފަސްޓްއެއިޑް ކިޓެއްވެސް ހަދާލެވިދާނެއެވެ.

ޕަވަރބޭންކް

މިއީ މިޒަމާނުގައި ކޮންމެ މީހެއްވެސް ގެންގުޅޭނެ އެއްޗެކެވެ. ނަމަވެސް ޗާޖަރާއި ފޯނާއި ހަމަކޮށްފައި އެންމެ ފަހުވަގުތު ދެވޭނީ ޕަވަރބޭންކު ނުލައެވެ. ދިގުދަތުރުތަކަށް ފުރާއިރު، ނުވަތަ ޤައުމުން ބޭރަށްގޮސް ދުރުތަންތަނަށް ދާއިރު ޕަވަރބޭންކެއް އަބަދުވެސް ގެންގުޅެންވާނެއެވެ. ފޮޓޯނެގުމަށާއި، މުނިފޫހިފިލުވުމަށް ފޯނު އަބަދާއި އަބަދު ބޭނުންކުރާއިރު އެންމެ މުހިއްމު ވަގުތު ޖެހޭއިރު އޭގައި ޗާޖުނެތުމަކީ ވަރަށް ދެރަކަމެކެވެ. ތިމާގެ ސަލަމާތާއި ރައްކާތެރިކަމަށްވެސް އަބަދުވެސް ފޯނުގައި ޗާޖު ހުންނަންވާނެއެވެ. އަދި ޗާޖުކުރެވޭނެ އެއްޗެއް އަބަދުވެސް ގެންގުޅެންވާނެއެވެ.

ފައްޖަހާލެވޭ ކުދި ކުޑަ

ކުޑަ ފައްޖަހާލާފައި ނުވަތަ ލައްޕާފައި ހުންނައިރު ކައިވަތެއްވަރުވާ އަދި ހުޅުވާލަމުން އާދައިގެ ކުޑައެއްވަރުވާ ކުދި ކުޑަ މިހާރު ލިބެން ހުރެއެވެ. މިއީ އެހާމެ ގެންގުޅެންފަސެހަ ލުއި އެއްޗެވެ. ވީމާ، މިފަދަ ކުޑައެއް ދަތުރުތަކުގައި އަބަދުވެސް ގެންދަންވާނެއެވެ. ވާރެ އާއި ގަދަހޫނުން ސަލާމަތްވުމަށެވެ. ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާއިރު މިއީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި އެއްޗަކަށް ވާނެއެވެ.

މަދިރި ސްޕްރޭ ނުވަތަ އެންޓި މޮސްކިޓޯ ސްޕްރޭ

ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭއިރު މަދިރިގެ އުނދަގޫ އެހާބޮޑަށް ނުޖެހުނުނަމަވެސް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާނަމަ މިއީ ވަރަށް މުހިއްމު އެއްޗެކެވެ. އެހެނީ ގިނަ ރަށްރަށުގައި މަދިރިގެ އުނދަގޫ ވަނީ އިންތިހާއަށެވެ. ތަނެއްގައި ހިނދުކޮޅަކުވެސް މަޑުޖެހިލައިފިނަމަ މަދުވެގެންވެސް ތިންހަތަރު މަދިރީގެ ހަމަލާ އެއްފަހަރާހެން އަންނާނެއެވެ. ވީމާ މިޗުއްޓީގައިވެސް ދަތުރުދާއިރު އެންޓި މޮސްކިޓޯ ސްޕްރޭ ގެންދަން ހަނދާންކުރާށެވެ.

ޓްރެވްލ އެޑްޕްޓަރ

މިއާ ތްރީޕިނޭ މިކިޔާ އުޅޭ އެއްޗާއި އޮޅުވައިނުލާށެވެ. ތްރީޕިނުގައި ހުންނަ ގޮތަށް ޓްރެވަލް އެޑެޕްޓަރުގައި ހުންނާނީ އެންމެ ވައްތަރެއްގެ ފައިގަނޑުތަކެއް ނޫނެވެ. އޭގައި ހުންނާނި އެކި ވައްތަރުގެ ފައިގަނޑުތައް ނެރެވޭނެހެންނެވެ. އެއީ އެކި ޤައުމުތަކަށް ދަތުރުކުރާ ދަތުރުވެރިންނަށް ފަސޭހައަކަށެވެ. ތަފާތު ޤައުމުތަކުގައި، ހޮޓެލްތަކުގައި ހުންނަ ސޮކެޓު ހުންނާނީ ތަފާތުކޮށެވެ. ނަމަވެސް ޓްރެވަލް އެޑެޕްޓަރެއް ގެންގުޅޭނަމަ މިކަމަކުން އެއްވެސް އުނދަގުލެއް ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް