އަޑުހަރުކޮށް ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމު ފެނިގެންދާކަމެއް: ރައީސް މައުމޫން

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް...

09 Nov 2019 | 10:29

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގެ ޝަރަފުވެރި މެހުމާނެއްގެގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މިސުރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، މާތް ﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައެވެ. ޖިބްރީލް ޢަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީއެވެ. ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވުނީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އޭގެފަހުންނެވެ.

ތަޖުވީދު ޢިލްމުގެ ހަމަތަކާއި އުޞޫލުތައް ނެގިފައި އެވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ޤުރްއާން ކިޔަވާވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަޤާމުތައް ޢިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިންނެވެ.

މި ޖަލްސާގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ރައީސް މައުމޫނަށް ދަޢުވަތު ދެއްވީތީ ޗާންސެލަރއަށާއި، ޔުނިވަރސިޓީގެ އިސްވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ޑރ. އަޙްމަދު ނުޢައިނަޢު މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ޖަލްސާއަށް ލިބުނު އިތުރު ފުރިހަމަ ކަމެއް ކަމުގައި ވިދާޅުވެ އެމަނިކުފާނަށް މަރްޙަބާ ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގެ ބާނީއަކީ ރައީސް މައުމޫން ކަމާއި، ރާއްޖޭގައި އިސްލާމީ ތަޢްލީމު ފެތުރުމުގެ މޭސްތިރިއަކީވެސް ރައީސް މައުމޫން ކަމުގައި ވިދާޅުވެ، މިގޮތުން އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ބައްލަވައި ލެއްވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގައި ޑރ. އަޙްމަދު ނުޢައިނަޢުވެސް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. އަދި ޤުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޖަލްސާގެ ބައިވެރިންނާ ޙިއްސާ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް