ބޮލީވުޑްގެ ބަތަލް އަކްޝޭ ކުމާރު މިހާރު ޝޫޓް ކުރަމުންދާ އޭނާގެ ކުރިއަށް އޮތް ފިލްމު 'ސޫރްޔަވަންޝީ'ގެ ޝޫޓިންގެ ތެރެއިން އަނިޔާވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ ޝޫޓިންގެ އެކްޝަން ސްޓަންޓެއްގެ ތެރެއިން އަނިޔާވެފައި ވަނީ އަކްޝޭގެ ވާއަތުގެ މަސްގަނޑަށެވެ. އަނިޔާ ލިބުނު މަސްގަނޑަށް ފިޒިއޮތެރެޕިސްޓެއްގެ އެހީގައި ފަރުވާ ހޯދުމަށްފަހު މިހާރު އަލުން ޝޫޓިން ފެށިގެން ކުރިއަށްދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އަދި މިހާރު އަކްޝޭގެ އަތް ރަގަޅު ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
މި ފިލްމުގެ ބޮޑުބައި ކުޅެފައި ވަނީ ތައިލެންޑް އަދި އިންޑިއާގެ މުމްބާއީ އަދި ހައިދްރަބާދް ގައެވެ. ރޯހިތު ޝެޓީ ޑްއިރެކްޓް ކުރާ މި ފިލްމަކީ އޭނާގެ ފިލްމުތަކުގެ ފޭނުންނަށް ވަރަށް ހާއްސަ ފިލްމަކަށް ވެގެން ދާނެ ކަމަށް ރޯހިތު ވަނީ ކުރިން ބުނެފައެވެ. މިފިލްމުގައި ރޯހިތު ޑައިރެކްޓްކުރި 'ސިންބާ' ފިލްމުން ރަންވީރު ސިންގް އަދި 'ސިންގހަމް' އިން އަޖޭ ދޭވްގަން ފެނިގެންދާނެ އެވެ. މިފިލްމުގެ އެންމެ ހާއްސަ ކަމަކީ ފިލްމުގެ އެއް ސީނަކުން ތިން ފުލުހުން އެކީ ފެނިގެންދާނެ ކަމެވެ.
'ސޫރްޔަވަންޝީ' ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ރިލީޒް ކުރާނެ ވަކި ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް