ނުފޫޒު ފޯރިވިނަމަ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާ: ހަސަން ލަތީފް

ނުފޫޒު ފޯރިވި ކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަސްޕެންޑުކޮށްފައިވާ ކްރިމިނަލް ކޯޓ...

09 Nov 2019 | 07:57

ނުފޫޒު ފޯރިވި ކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަސްޕެންޑުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމަށް މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވުމުން އެއަށް ރައްދު ދެއްވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމް ކުރާ ޝަރީއަތް ބޭއްވުމަށް ވަގުތު ކުޑަތަން ވެފައި އޮއްވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރު ހައިލަމް ސަސްޕެންޑުކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ.

އެ މައްސަލައިގާ ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާއަށް ބިރުދައްކާ އިންޒާރުވެސް ދިން ކަމަށާއި އެގޮތުން ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެއްވި ފަރާތްތަކުން އެދިވަޑައިގެންނެވި ކަމަށެވެ.

އެބަޔާން ޓްވީޓު ކުރައްވާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އިލްޒާމް ނާޅުއްވާ ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހަކު ހާމަ ކުރަން ޖެހޭ ކަމަށެވެ.

ހައިލަމްގެ މި ބަޔާނާއި ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް