ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ޒާތީ ބަދަލު ހިފުމުގެ ދައުވާއެއް: ޝަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޒާތީ ބަދަލު ހިފުމުގެ ދައުވާއެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ޔާމީނ...

09 Nov 2019 | 05:09

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޒާތީ ބަދަލު ހިފުމުގެ ދައުވާއެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ރޭ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮޮތުން ޝަހީމް ވިދާޅުވީ ގާޒީ ހައިލަމްގެ ބަޔާނުން ދޭހަވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އަސާސެއް ނެތި ޒާތީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި ވަކި ގޮތަކަށް ހުކުމް ކުރަން ގާޒީ އަށް ބިރު ދެއްކުމަކީ ދީނާއި ގާނޫނާ ހިލާފު ނާތަހުޒީބު އަމަލެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަކީ ހައިލަމް ކަމަށްވާއިރު، އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ހައިލަމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާއި އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ކަމަށް ހައިލަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް